09 Nov 2015, 14:52
ޒުވާނުންގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސޯޝަލް ނެޓްވޯކެއް ކަމަށްވާ "ސްނެޕްޗެޓް" އިން ކޮންމެ ދުވަހަކު ހަ ބިލިއަން ވީޑިއޯ ވިއުސް ލިބޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް ނެޓްވޯކް ކަމަށްވާ ފޭސްބުކަށް ކޮންމެ ދުވަހަކު އަށް ބިލިއަން ވިއުސް ވީޑިއޯތަކުން ލިބޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެން ކަމުން ފޭސްބުކް އަށްވުރެ އެތަށް އަހަރެއް އުމުރުން ހަގު ސޯޝަލް ނެޓްވޯކް ސްނެޕްޗެޓުގެ މަގުބޫލުކަން އިތުރުވާ ކަން އެއިން ހާމަވެގެން ދެއެވެ.
ސްނެޕްޗެޓް އިން އެ ކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް އޭގެ ވީޑިއޯތައް ބަލާވަރު ހާމަކޮށްފައިވަނީ މިދިޔަ މޭމަހުގައެވެ. އޭރު ހާމަކޮށްފައިވާ ގޮތުން ދުވާލެއްގެ މައްޗަށް ދެ ބިލިއަން ވިއުސް ސްނެޕްޗެޓަށް ލިބޭ ކަމަށެވެ. އެއަށްފަހު އެ އަދަދު މިހާރު ވަނީ ތިންގުނައަށް މަތިވެފައެވެ.
ނަމަވެސް ފޭސްބުކްގެ ވީޑިއޯ ވިއުސްގެ އަދަދަކީ ޑެސްކްޓޮޕް އާއި ސްމާޓްފޯން ބޭނުންކޮށްގެން ހޯދާފައިވާ އަދަދެކެވެ. އެހެން ނަމަވެސް ސްނެޕްޗެޓް އެ އަދަދު ހޯދާފައިވަނީ ސްމާޓްފޯނުން އެކަންޏެވެ.
ވޭތުވެ ދިޔަ ތާރީހުގައި ފޭސްބުކް އިން ވަނީ ސްނެޕްޗެޓް ގަންނަން ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން އެ ކުންފުނިން ވަނީ ސްނެޕްޗެޓް އަށް ތިން ބިލިއަން ޑޮލަރުގެ ޑީލްއެއްވެސް ހުށަހަޅާފައެވެ. ނަމަވެސް ސްނެޕްޗެޓުގެ ސީއީއޯ އެވަން ސްޕީލްބާގް ވިދާޅުވީ އެ ކުންފުނި ވިއްކާލަން ބޭނުން ނުވާ ކަމަށެވެ.