09 Nov 2015, 12:45
ޓްރާންސްޕޯޓު އޮތޯރިތީއަށް ގިނަ ގުނަ ޒިންމާތަކެއް ހަވާލުކުރުމަށްފަހު އެ އޮތޯރިޓީގެ މަސައްކަތް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތަށް ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު ހުށަހެޅުއްވި އެބިލާ ގުޅޭގޮތުން އޭނާ ވިދާޅުވީ، އެ ބިލު އޭނާ ހުށަހެޅުއްވީ މައިގަނޑު ދެ މަގުސަދެއް ހާސިލު ކުރުމަށްޓަކައި ކަމަށެވެ. އެގޮތުން އެއް މަގުސަދެއް ކަމަށް އޭނާ ވިދާޅުވީ، ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ އެންމެހާ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއި އެކު ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުން ކަމަށެވެ. އަދި ދެވަނަ މަގުސަދެއްގެ ގޮތުގައި ބިލުގައި ބުނެފައި ވާނީ އެއްގަމާއި ކަނޑު ދަތުރުފަތުރާއި ގުޅޭ ކަންކަން ތަންޒީމު ކުރުމަށްޓަކައި ގާނޫނަކުން އުފައްދާ އިދާރާއަކުން ކަމާ ގުޅޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުމަށް މަގުފަހި ކުރުން ކަމަށެވެ.
ބިލުގެ ހަތަރު ވަނަ ބާބުގައި ބުނެފައި ވަނީ މިނިސްޓަރުގެ ލަފާގެ މަތީން ޓްރާންސްޕޯޓު އޮތޯރިޓީގެ ސިޔާސަތުތައް ކަނޑައެޅުމަށާއި އޮތޯރިޓީ ހިންގުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމަށްޓަކައި ބޯޑެއް އެކުލަވައިލަން ވާނެ ކަމަށެވެ. އަދި އެބޯޑަށް ކިިޔާނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑު ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
އެ ބޯޑުގައި ތިބޭނީ ފަސް މެމްބަރުން ކަމަށާއި ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަންކުރައްވާނީ މެރިޓައިމް ނުވަތަ ކަނޑު ދަތުރުފަތުރު ކުރުމުގެ ދާއިރާއިންނާއި އެއްގަމު ދަތުރު ފަތުރުގެ ދާއިރާއިންނާއި އިގްތިސާދީ ދާއިރާއިންނާއި ތިމާވެއްޓާ ބެހޭ ދާއިރާގެ ބޭފުޅުން ކަމަށެވެ. ހަމައެއާއެކު މަސްވެރިކަމާއި ހިންގުމުގެ ދާއިރާއިން ވެސް ބޭފުޅުން އެ ބޯޑަށް އައްޔަން ކުރަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައި ވަނީ އެ ބޯޑުގެ މެމްބަރު ކަމަށް ވެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާއިން 5 އަހަރު ދުވަހު ހިދުމަތްކޮށްފައިވާން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން އެ ބޯޑަށް މެމްބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ބިލު ތަސްދީގުކޮށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ބޯޑަށް މެމްބަރުން އައްޔަން ކުރައްވަންޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގެ ބިލުގައި ބުނެފައި ވަނީ އޮތޯރިޓީގެ މަސައްކަތަކުގެ ތެރޭން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ހިންގާނީ ބޯޑުގެ ލަފައާއި އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތީން އެ އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލު ކަމަށެވެ. އަދި އެ މަގާމުގައި އެންމެ ގިނަ ދުވަހު ހުރެވޭނީ ފަސް އަހަރު ދުވަހު ދެ ދައުރު ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.