ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދުތަގެ މަގުތައް ހެދުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އިންޑިއާގެ ދެ ކުންފުނި ކަމަށްވާ މޯހަން މުތާ އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮން އެއްވެގެން ހަދާފައިވާ ކޮންސޯޓިއަމްއަކާއި އެމަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައިވަނީ 40.3 މިލިއަން ޑޮލަރަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ 'ސަން' އަށް ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހަދަން ބަޔަކާ ހަވާލުކުރި އިރު މައްސަލަތަކެއް ހުރެގެން ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެން އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އަދި ބަލަމުންދާ މައްސަލައެއް ކަމުން އިތުރު ތަފްސީލު ދެވެން ނެތް ކަމަށް ލުތުފީ ވިދާޅުވި އެވެ.

އިންޑިއާގެ ކުންފުންޏާއި އެމަސައްކަތް ހަވާލުކޮށްފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މަސައްކަތް އިންޑިއާގެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިއަ އޮކްޓޫބަރު 28 ވަނަ ދުވަހު އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އޭރު ސަން އަށް ވިދާޅުވެފައި ވަނީ އެ ޕްރޮޖެކްޓުގެ ތެރެއިން އަލަށް ހިއްކި ސަރަހައްދުގެ މައިގަނޑު މަގުތައް ތާރުއަޅައި ހެދޭނެ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓުގެ ތެރެއިން ހުޅުމާލޭ ނޭބަހޫޑް ގުޅުވާލެވި ހުޅުމާލޭގެ ޓޫރިސްޓު ސަރަހައްދުތަކާއި ޔޮޓްމެރީނާއާއި ޕާކްތަކުގެ މަގުތައް ވެސް ހެދިގެންދާނެ ކަމަށް ސައިމަން ވަނީ ވިދާޅުވެފަ އެވެ.