ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ހޮންކޮންގާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ޓިކެޓް، ކުރިން ގައުމީ ފުޓްބޯޅަ ދަނޑުން ވިއްކަން ހަމަޖެހިފައި އޮތްނަމަވެސް މިހާރު ޓިކެޓް ވިއްކުން ސޯޝަލް ސެންޓަރަށް ބަދަލު ކޮށްފައިވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ މީޑިއާ ކޯޑިނޭޓަރ ޝިމާޒް އަލީ ސަންއާ ވާހަކަދައްކަމުން ބުނީ ޓިކެޓް ވިއްކުން ސޯޝަލް ސެންޓަރަށް ބަދަލު ކުރީ ދަނޑަށް ވުރެ ފަސޭހަ ކަމާއިއެކު ޓިކެޓް ވިއްކޭނެ ތަނަކީ ސޯޝަލް ސެންޓަރު ކަމަށް ވުމުން ކަމަށާއި ތަން ބަދަލުވި ނަމަވެސް މިއަދު ހަވީރު 16:00 ފެށިގެން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އެ އަގުގައި ޓިކެޓް ލިބޭނޭ ކަމަށެވެ.

ޓިކެޓް ވިއްކަނީ ސިޑިބަރިން 50ރ. އަށް އަދި ގޮނޑިބަރިން 100ރ. އާއި 150ރ. އަށެވެ.

އެފްއޭއެމުން ބުނީ ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ ކޮންޓްރޯލް ކޮށްގެން ކަމަށާއި އެހެން ކަމުން މީހަކަށް ގިނަވެގެން ވިއްކޭނީ ފަސް ޓިކެޓް ކަމަށެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއިން ފަސް މެޗު މިހާތަނަށް ކުޅެފައިވާ އިރު، ރާއްޖެ މޮޅުވެފައި ވަނީ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ހޮންކޮންގާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން މާލޭގައި ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ސީގެ ހަތަރު ވަނައިގައި ތިން ޕޮއިންޓާ އެކީ ރާއްޖެ އޮތްއިރު، މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކީ އޮތީ ގަތަރެވެ. ދެވަނައިގައި 10 ޕޮއިންޓާއެކީ ހޮންކޮންގް އޮތް އިރު، ތިންވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ޗައިނާއެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބޫޓާން އެވެ.