ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުންނަށްވުރެ މެމްބަރުން ގިނަ ޕާޓީތަކަށް ދައުލަތުން ފައިސާ ލިބޭ ގާނޫނު 7،000 މެމްބަރުންނަށް ދަށްކުރުމަށް ކުރުމަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި އެ އިސްލާހު ހުށަހަޅާފައި ވަނީ ައަދާލަތު ޕާޓީގެ ހަމައެކަނި މަޖިލިސް މެންބަރު އަދި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އެެވެ. އަދާލަތު ޕާޓީގައި ކުރިން 10،000 މެންބަރުން ތިބި ނަމަވެސް މިހާރު އެޕާޓީގެ ތިބީ ނުވަ ހާހެއްހާ މެމްބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެތެރެއިން 10،000 މެމްބަރުން ހަމަ ނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުދިނުމަށް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 17 ގައެވެ. އަދި އެ ބިލު ތަސްދީގު ކުރައްވާފައިވަނީ އެމަހުގެ 19 ގައެވެ.

ފާސްކުރި އިސްލާހުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރުވެސް ބުނެފައިވާ ގޮތަށް ޕާޓީއެއްގައި މަދުވެގެން 3000 މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް 10،000 މެންބަރުން ހަމަނުވާ ޕާޓީ ތަކަށް ފައިސާ ދޫނުކުރާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ ތެރެއިން ސައްހަ މެމްބަރުންގެ އަދަދު 3،000 އަށް ނާރާ ޕާޓީތަކަށް އެ އަދަދަށް ވާސިލުވުމަށް ތިން މަހުގެ މުއްދަތެއްވެސް ދެވޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.