09 Nov 2015, 12:35
ކާބޯތަކެތީގެ ހިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގެ ދަށުން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އަލުން ރަޖިސްޓްރީ ކުރުމަށް އެންގި ނަމަވެސް މިހާތަނަށް ގިނަ ފަރާތަތަކަކުން ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެ ގަވައިދުގެ ދަށުން ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ ޖެނުއަރީމަހުގެ 29ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.
"ވީމާ، 29 ޖަނަވަރީ 2016ގެ ކުރިން ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ޚިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރެންޓް، ކެންޓީން، ބަދިގެ ފަދަ ތަންތަން ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި އަލުން ރަޖިސްޓަރީ ކޮށް، ކާބޯތަކެތި އުފައްދާ ތައްޔާރުކޮށް ވިއްކުމުގެ ހުއްދަ،" ނެންގެވުމަށް ދަންނަވަމެވެ.
އަދި "އަތޮޅުތެރޭގައި ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލް ނުވަތަ އެ ރަށެއްގެ ސިއްޙީ މަރުކަޒު މެދުވެރިކޮށް ރަޖިސްޓަރީކޮށް ހުއްދަ ދޫކުރުމުގެ އިންތިޒާމު އެ ތަންތަނުގައި ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ." އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މުއްދަތަށް ފަހު ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީ ނުކޮށް ހިންގާ ތަންތަން ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތަށް ބަންދުކުރެވޭނެ ކަމަށާއި އަދި އެ ގަވާއިދުގައިވާ ގޮތުގެ މަތީން އެފަދަ ތަންތަން ހުއްދައާ ނުލައި ހިންގި މުއްދަތަށް ބަލައި 5000 ރުފިޔާއާއި 10000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.