09 Nov 2015, 10:50
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާގެ ހުކުމް ކުރުމަށް ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
އާޒިމްގެ މައްޗަށް ހުކުމް ކުރުމަށް އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މިއަދުގެ 10:30 އަށެވެ.
އާޒިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 22 ފެބުރުއަރީ 2015 ވަނަ ދުވަހުގެ ރޭ އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ބަޔަކު މީހުން އެއްވެ، ކުރި މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތެރެއަށް ގާއުކުމާ ގުޅިގެން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި އެވަގުތު އެސަރަހައްދުގައި އާޒިމް ހަރަކާތްތެރިވަނިކޮށް، ފުލުހުން ތަކުރާރުކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން ވެސް އާޒިމު އެތަނުން ނުގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.
މައްސަލައިގެ ހުލާސާ ބަޔާން އިއްވާފައި ވަނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވައި ނިމުމުން ގާޒީ އަބްދުﷲ ނަޝީދު ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮއްނާނީ މައްސަލައިގެ ހުކުމް ކުރުން ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލަ ސާބިތުވާނަމަ އާ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމަށް ހަމަ އެދުވަހު އަޑު އެހުމެއް ބާއްވާނެ ކަމަށް ވެސް އެދުވަހު ގާޒީ ވިދާޅުވި އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ދައުވާ އާޒިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 12000 ރުފިޔާ އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށްލާނެ އެވެ. އެހެންކަމުން އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ އޭނާގެ މައްޗަށް ސާބިތުވިޔަސް މެންބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އާ ގާނޫނުލްއުގޫބާތުގެ ދަށުން އެއަދަބު ލުއިވެގެންދާނެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.