ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމްގެ ފަރާތުން ލިބެމުން ދިޔަ ގައުމީ އަދި އިޖްތިމާއީ ހިދުމަތްތަކަށް ބުރޫ އެރުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އަދި ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގެ މީޑިއާ އޮފިޝަލް އިބްރާހީމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދެމަފިރިކަނބަލުން ހައްޖުގެ އަޅުކަމަށް ފަހު ސެޕްޓެމްބަރު 28ގައި ސައުދީން ވަޑައިގެން، ހުޅުލެއިން މާލެ ވަޑައިގެންނެވި މަގުމަތީގައި ރިޔާސީ ލޯންޗު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލައިގެން ބަޔަކު ދިން ނުރައްކާތެރި ހަމަލާގައި އެންމެ ބޮޑު ޒަޚަމްތަކެއް ލިބިވަޑައިގަތީ މެޑަމް ފާތުން އަށެވެ. އެގޮތުން އެހަމަލާގައި އެކަމަނާގެ މައިބަދައާ ގުޅިފައިވާ ކަށިތަކުގައި ރެނދުލުމާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު، އެކަމަނާ ގެއަށް ދޫކޮށްލާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ގިނަ އަދަދެއްގެ ކުދިންނާއި ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން މެޑަމް ފާތުންގެ އަރިހަށް އައިޖީއެމް ހޮސްޕިޓަލަށް ކުރި ޒިޔާރަތުގެ ތެރެއިން --- ފައިލް ފޮޓޯ: އަސްރުމާ

"ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގެ ކުރިން، މެޑަމް ފާތުން ގެންދެވީ ގައުމީ އަދި އިޖްތިމާއީ ވަރަށް ގިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން. އެހެން ނަމަވެސް ރައީސަށް އަމާޒުކޮށް ބަޔަކު ދިން އެ ނުރައްކާތެރި ހަމަލާގައި މެޑަމްފާތުން އަށް ލިބިވަޑައިގެންނެވި ސީރިއަސް ޒަޚަމްތަކުގެ ސަބަބުން އެކަމަނާ ކުރައްވަމުން ގެންދެވި އެ މަސައްކަތްޕުޅުތަކަށް މިވަނީ ބުރޫ އަރާފައި،" ސަންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއާޒް ވިދާޅުވި އެވެ.

މެޑަމް ފާތުން ކުރައްވަމުން ގެންދަވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދީންނަށް ވެދެއްވާ އެހީތެރިކަމާއި، އުމުރުން ދުވަސްވީ މީހުންގެ ތެރޭން ހިނގާބިނގާވެ ނޫޅެވޭ ފަރާތްތަކަށް ގޮނޑި ފަދަ ތަކެދި ހަދިޔާކުރެއްވުމާއި، ތެލެސީމިއާ ބަލީގެ ކުދީންނަށް ބޭނުންވާ ބައެއް ސާމާނުތައް ހޯއްދަވައި ދެއްވުމާއި އެ ބަލީގެ ވޭން ތަހައްމަލުކުރަމުންދާ ކުދީންގެ ތެރެއިން ޑޯނާއިން ހަމަޖެހިފައިވާ ކުދީންނަށް ދާއިމީ ފަރުވާއެއް ހޯއްދަވައި ދެއްވުމަށް ކުރައްވަމުން ގެންދަވާ ހިދުމަތްތައް ފާހަގަކޮށްލެވެ އެވެ.

އޮގަސްޓް 14، 2015: ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި "އުފާވެރި ހަވީރު" ގެ ތެރެއިން -- ފައިލް ފޮޓޯ: ރައީސް އޮފީސް

މުއާޒް ވިދާޅުވީ، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ނަމުގައި އޮފީހެއް ހުޅުވައި، މެޑަމް ފާތުން ގެންދަވަނީ، އެންމެ އާދައިގެ މީހާއަށް ވެސް އެ އޮފީސް މެދުވެރިކޮށް ކަމާގުޅުންހުރި އިދާރާތަކާ ހަމަޔަށް އެ ރައްޔިތުންގެ އަޑު ފޯރުކޮށް ދެއްވަމުން ކަމަށެވެ.

"މިކަމުގައި ސީދާ މެޑަމް އަމަލީގޮތުން މީހުންނާ ބައްދަލުކުރައްވަވައި، އެފަރާތްތަކުގެ އަޑު އައްސަވާ،" އޭނާ ވިދާޅުވިއެވެ. "އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ހުރި އެފަދަ މައްސަލަތައް ފާހަގަކުރައްވައި، މައުލޫމާތު ހޯއްދަވައި، ކަމާގުޅުންހުރި މުއައްސަސާ ތަކުގެ ސަމާލުކަމަށް އެކަންކަން ގެންނަވާ."

އަންހެނުން ކުރިއަރުވައި ބާރުވެރި ކުރުވުމުގެ ގޮތުން އަންހެން ކަނބަލުން ހިއްސާވާ ބައެއް ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވައި އެފަދަ ޖަމިއްޔާތަކާ ގާތް ގުޅުމެއް މެޑަމް ފާތުން ބާއްވަވާކަންވެސް މުއާޒް ފާހަގަކުރެއްވި އެވެ.

މުއާޒް ވިދާޅުވީ، "މެޑަމް ފާތުން އަކީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަކެއް ކުޑަކުދީންނާއި މީހުންގެ ހިތްތަކުން ލޯބި ހޯއްދަވާފައިވާ ކަނބަލެއް،" ކަމަށެވެ.

"މެޑަމް އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައިގަތުމުން، އެކަމަނާ ކުރައްވަމުން އެ ގެންދެވި ގައުމީ އަދި އިޖްތިމާއީ ހިދުމަތްތައް މެދުކެނޑިގެން ދިއުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ދެރައެކޭ އަޅުގަނޑު ދަންނަވާނީ،" މުއާޒު ވިދާޅުވި އެވެ.