09 Nov 2015, 10:25
ސްޕެނިޝް ލީގްގައި ރޭ ސެވިއްޔާ އަތުން 3-2 ލަނޑުގެ ނަތީޖާއަކުން ރެއާލްމެޑްރިޑް ބަލިވެ، މިސީޒަންގައި ރެއާލް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު އެ މެޗުގެ ކުރީކޮޅު ރެއާލްއިން ރަނގަޅަށް ކުޅުނުއިރު، މެޗުގެ 22 ވަނަ މިނެޓްގައި އެޓީމަށް ލީޑު ނަގައި ދިނީ ސާޖިއޯ ރާމޯސް އެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނެޓްގައި، ސެވިއްޔާގެ ސިރޯ އިމޯބްލޭ ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ސެވިއްޔާގެ ސިރޯ އިމޮބިލް ނަތިޖާ ހަމަހަމަކުރީ ރެއާލްއަށް މެޗުގެ ލީޑު ނަގައިދިން ރާމޯސްއަށް އަނިޔާވެގެން އޭނާ ބޭލިތާ ހަތަރު މިނިޓް ފަހުންނެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު 1-1ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮތް ނަމަވެސް މެޗުގެ 61 ވަނަ މިނިޓްގައި ސެވިއްޔާގެ އެވާ ބެނެގާ ވަނީ އެޓީމުގެ ދެ ވަނަ ލަނޑު ޖަހައި ރެއާލް ހާސްކޮށްލައިފައެވެ. އަދި 74 ވަނަ މިނިޓްގައި ފެނާންޑޯ ލޮރަންޓޭ ސެވިއްޔާގެ ތިން ވަނަ ލަނޑު ކާމިޔާބުކުރުމާއެކު ރެއާލް އަށް އިތުރު ޕްރެޝަރެއްކުރިމަތި ވިއެވެ. ރެއާލްގެ ފަހު ލަނޑު ޖެހީ މެޗުގެ ފަހު މިނިޓްގައި ހާމޭސް ރޮޑްރިގޭޒް އެވެ.

ރެއާލްގެ ރޮނާލްޑޯ ބޯޅަ ފޮނުވާލަނީ: ރޭގެ މެޗުން ރެއާލް ވަނީ 2-3 ގެ ނަތީޖާއަކުން ސެވިއްޔާ އަތުން ބަލިވެފަ --- ފޮޓޯ:އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ރަފޭލް ބެނިޓޭޒް ބުނީ އެ މެޗުން ބަލިވުމުން ރަނގަޅު ފިލާވަޅެއް ލިބެއްޖި ކަމަށާއި ކުރިއަށް އޮތްތާނގައި ކުޅޭނީ އެފަދަ މިސްޓޭކް ތައް ރަނގަޅު ކޮށްގެން ކަމަށެވެ.
"އަހަރެމެން ފުރަތަމަ 30 މިނެޓްގައި ކުޅުނީ ވަރަށް ރަނގަޅަށް، އެހެން ނަމަވެސް އަހަރެމެން ނަށް ހެދުނު ދެތިން މިސްޓޭކެއްގެ ސަބަބުން އެ މީހުން ލީޑްނަގައި މުޅި މެޗް އެނބުރިގެން ދިޔައީ،" މެޗާ މެބޭގޮތުން ވާހަކަދައްކަމުން ރެއާލްގެ ކޯޗު ބެނިޓޭޒް ބުންޏެވެ.
ރޭގެ މެޗުން ބަލިވުމުން ކުރިން އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް މިހާރު އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައަށް ވެއްޓިފައެވެ. ރޭ ކުޅުނު މެޗް ކާމިޔާބް ކޮށް ބާސެލޯނާ ވަނީ 27 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އަރައިފައެވެ. އަދި ރޭ ސެވިއްޔާ އަތުން ރެއާލް 3-2 އިން ބަލިވުމުގެ ފައިދާ ނަގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް ވަނީ 23 ޕޮއިންޓާ އެކު ފަހަތުން ވިއްދާފައެވެ.