ރާއްޖޭގައި ހުރެ، ރަސޫލުކަމަށް ދައުވާކުރި ކަމަށް ބުނާ ޕާކިސްތާނު މީހާ މިއަދު ސިރީލަންކާ އަށް ފުރައިފި އެވެ.
އެ މީހާ ފުރާފައި ވަނީ މިއަދު މެންދުރު ފަހު 3:40 އެހާކަންހާއިރު ސިރީލަންކަން އެއާލައިއުންސުންނެވެ. އަދި އޭނާއާ އެކު ރާއްޖެ އައި ހަތަރު މީހުން ވެސް އޭނާއާ އެކު ފުރާފައިވާ ކަމަށް ސަން އަށް އެނގިފައިވެ އެވެ.

ރަސޫލެއް ކަމަށް ދައުވާ ކުރާ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިއަދު މެންދުރު ފަހު ކުރިއަށް ގެންދިޔަ އެވެ. އަދި އެކަން އެއާޕޯޓްގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފްގެ އޮފިޝަލަކު ސަން އަށް ކަށަވަރުކޮށްދީފައިވެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރަސޫލެއް ކަމަށް ދައުވާ ކުރާ ކަމަށް ބުނާ މީހާ އަމިއްލައަށް އޭނާއަކީ ރަސޫލެއް ކަމަށް ނުބުނާ ކަމަށެވެ. އަދި އޭނާ މިއަދު މެންދުރު ފަހު ފުރާފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އޭނާއަކީ ރަސޫލެއް ކަމަށް، އޭނަ އަމިއްލައަކަށް ނުބުނޭ. މިހާރު އޭނާ ވަނީ ރާއްޖެ އިން ފުރާފައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
--------------------------
ރާއްޖޭގައި ހުރި، ރަސޫލުކަމަށް ދައުވާކުރާ ކަމަށް ބުނާ ޕާކިސްތާނު މީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ރަސޫލެއް ކަމަށް ދައުވާ ކުރާ ޕާކިސްތާނަށް އުފަން، އިނގިރޭސި މީހާ ރާއްޖެއިން ފުރަން ޖީއެމްއާރް، މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށްދާ ކަމުގެ މައުލޫމާތު ލިބިގެން އޭނާ ހޯދައި ހިފެހެއްޓުމުގެ މަސައްކަތް ފުލުހުން ފެށީ މިއަދު މެންދުރު އެވެ.

މީގެ އިތުރުން ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި އެމީހާ ކަމަށް ހީކޮށް ފުލުހުން އެހެން މީހަކު ހައްޔަރުކޮށް މިއަދު ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ. ނަމަވެސް ފަހުން ވަނީ އެމީހާ ދޫކޮށްލާފަ އެވެ.

އެއާޕޯޓްގައި ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ޕާކިސްތާނަށް އުފަން އިނގިރޭސި މީހާ ހޯދުމުގެ މަސައްކަތް ކުއްލި ގޮތަކަށް މިއަދު ފަށާފައިވާ ކަމަށާއި އެކަމުގައި އިސްކޮށް ހަރަކާތެރިވަނީ ފުލުހުން ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ މިކަމާމެދު އެއްޗެއް ބުންނަ ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

އެ މީހާ ރާއްޖެއިން ފުރަން މިއަދު އެއާޕޯޓަށް ދިޔައީ އޭނާއަށް ވާގިދޭ ދިވެހިންގެ ތަކެއްގެ އެހީތެރިކަމާއެކު ކަމަށް ސަންއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މުސްލިމުންގެ ގިބުލަ، ގެފުޅަށް ހައްޖުވާން ނުޖެހޭނެ ކަމަށާއި ކީރިތި ރަސޫލާ، ސުންނަތަށް ތަބާވަން ނުޖެހޭނެ ކަމަށް ފަތުވާ ދޭ އެމީހާ ބުނާ ގޮތުން ނަމަ ކީރިތި ގުރުއާނުގެ ބައެއް އާޔަތްތައް ވަނީ ކާފަރުން ބަދަލުކޮށްފަ އެވެ.