09 Nov 2015, 13:45
ސްޕެނިޝް ލީގުގައި ރޭ ނޭމާ ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު 0-3ގެ ނަތީޖާއަކުން ވިޔަރެއާލް އަތުން މޮޅުވެ ލީގު ތާވަލުގެ އެއްވަނަ އަށް ބާސެލޯނާ ޖެހިލައިފި އެވެ.
ބާސާގެ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑާއި ތިން ވަނަ ލަނޑު ޖެހީ ބްރެޒިލްގެ ނޭމާ އެވެ. ދެ ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ލުއިސް ސުއަރޭޒް އެވެ.
ބާސާގެ ފުރަތަމަ ގޯލް 60 ވަނަ މިނެޓްގައި ބުސްކެޓް ތަނަވަސް ކޮށްދިން ފުރުސަތަކުން ނޭމާ ވަނީ ގޯލް ހުޅުވާލަދީފައެވެ. އަދި އޭގެ ދިހަ މިނެޓް ފަހުން އެ ޓީމްގެ މުނީރު އަލް ހަދީދީ އަށް ޕެނެލްޓީއޭރިއާ ތެރެއިން ކުރި ޓެކުލްއެއްގެ ސަބަބުން ރެފްރީ ވަނީ ބާސާ އަށް ޕެނެލްޓީއެއް ދީފައެވެ. އެ ޕެނެލްޓީ ލުއިސް ސުއަރޭޒް ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ބާސާގެ ލީޑް ފުޅާ ކޮށްދީފައެވެ.
ބާސާގެ ތިން ވަނަ ލަނޑަކީ ނޭމާގެ ފަރާތުން ފެނިގެން ދިޔަ މޮޅު ގޯލެކެވެ. މެޗްގެ 85 ވަނަ މިނެޓްގައި އޭނާ މި ގޯލު ޖެހީ ޕެނަލްޓީ އޭރިޔާގެ ތެރެއިން ލިބުނު ބޯޅަ އެއްފަހަރުންޖަހައި ބޯމަތިން ފަހަތަށް ކޮންޓްރޯލްކޮށް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ލަޔޮނަލް މެސީ ނެތި ކުޅުނު ފަސް މެޗުގައި ނޭމާ އާއި ސުއަރޭޒް ޖެހި 16 ވަނަ ގޯލެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗް ލުއިސް އެންރިކޭ ބުނީ ނޭމާގެ ފަރާތުން ފެނިފައިވަނީ ޖާދޫއެއް ފަދު ކުޅުމެއް ކަމަށާއި މެސީ ނެތް ކަމުގައި ވީނަމަވެސް ނޭމާ އަދި ސުއަރޭޒް، ޓީމް މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
"އަހަރެން މި ދައްކަނީ ތަފާތު ހުނަރެއް ހުރި މޮޅު ކުޅުންތެރިއެއްގެ ވާހަކަ. އަހަރެމެން އެންމެން ވެސް އެބަޖެހޭ އޭނާގެ ކުޅުން ބަލަން،" އެންރީކޭ ބުންޏެވެ.
ބާސާ އެއް ވަނަ އަށް އެރީ 27 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. ރޭ ސްޕޯޓިން ގިޔޯން އަތުން 1-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑް ވަނީ 23 ޕޮއިންޓާ އެކު ތިން ވަނަ އަށް އަރައިފަ އެވެ.