09 Nov 2015, 09:20
ބަންގްލަދޭޝްގައި ރެކްޝާ ބައިސްކަލް ވޭނެއް ނަގަން އުޅުނު ކަމަށް ބުނެ އުމުރުން 13 އަހަރުގެ ސަމިއުލް އަލާމް ރާޖަން އަށް އަނިޔާކޮށް މަރާލުމުގައި ބައިވެރިވި ހަ މީހުން މަރަން ހުކުމް ކޮށްފި އެވެ.
ރާޖަން އަށް އަނިޔާކޮށް މަރާލާފައި ވަނީ މިދިއަ ޖުލައި މަހުގެ ތެރޭގަ އެވެ.
ބަންގްލަދޭޝް ކޯޓުން ހަ މީހުންގެ މައްޗަށް ހުކުމް ކުރި އިރު، އޭގެތެރޭގައި ރާޖަންއަށް އަނިޔާކުރަނިކޮށް ފޯނުން ވީޑިއޯކުރި މީހާ ވެސް ހިމެނެ އެވެ. އޭނާ ވީޑިއޯ ކޮށްފައިވަނީ ފޯނަކުންނެވެ.
އުމުރުން 13 އަހަރުގެ ރާޖަންގެ އަތް ބަނދެ ދަގަނޑު ބުރިޔަކުން ތަޅާ އަނިޔާކޮށް މަރާލި ވީޑިއޯއެއް މުޅި ސޯޝިއަލް މީޑިއާގައި ވެސް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން އެކަކު ވީޑިއޯ ކުރަމުން ދިޔަ އިރު އަނެއް ބަޔަކު އެކުއްޖާ ވާގަނޑަކުން އައްސައި ދަގަޑުބުރިއަކުން ތަކުރާރުކޮށް ތަޅަމުން ގޮސްފައިވެ އެވެ.

އުމުރުން 13 އަހަރުގެ ސަމިއުލް އަލާމް ރާޖަން އަށް އަނިޔާކުރަނީ --
އަދި އާންމުކޮށްފައިވާ އެ ވީޑިއޯގައި އެމީހުން ހޭ އާޑާއި މަޖާކުރާ އަޑުވެސް އިވެ އެވެ. ނަމަވެސް އެ ފިރިހެންކުއްޖާ ވަނީ އެހީތެރިކަމަށް އެދި އާދޭސްކޮށްފަ އެވެ. އަދި ފެނަށް އެދި ގޮވާއަޑު ވެސް އެ ވީޑިއޯއިން އިވެ އެވެ.
އުމުރުން 13 އަހަރުގެ ރާޖަންއަށް އަނިޔާކޮށް މަރާލާފައިވާ އިރު އޭނާގެ ހަށިގަނޑުން 60 ތަނެއް ޒަހަމްވެފައިވާ ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ.
އާއިލާއަށް ތަރުކާރީ ވިއްކުމުގައި އެހީތެރިވެދޭ ރާޖަންގެ އޮޓޮޕްސީ ރިޕޯޓުތައް ދައްކާ ގޮތުން އޭނާ މަރުވެފައި ވަނީ ބޮލަށް އެކި ވަރުގެ އަނިޔާ ލިބި ސިިނކުޑިއަށް ލޭ އެޅުމުގެ ސަބަބުންނެވެ.