09 Nov 2015, 09:44
މިޔަންމާގައި އިއްޔެ ބޭއްވި ޕާލަމެންޓްރީ އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކަކީ ތާރީޚީ އިންތިޚާބު ތަކެކެވެ.
މި އިންތިޚާބުތަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 30 މިލިޔަން މީހުން ތިބިއިރު އެ ގައުމުގެ ބައިމަދު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ވަނީ މިއިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ހައްގު މަހްރޫމްކޮށްލާފަ އެވެ. ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީ ޒަމާނުއްސުރެ ވެސް މިޔަންމާގައި ހައްގުތައް ނިގުޅައިގަނެ ނިކަމެތިކޮށްލެވިފައިވާ ބައެކެވެ. މީގެ އިތުރުން އެ މީހުންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައްކޮށް ގެދޮރާއި މުދަލުގައި ހުޅުޖަހައި ގައުމުން ބޭރުވުމަށް މަޖްބޫރުކުރުމުގެ ހަރުކަށި އަމަލުތަކެއް ވެސް މިޔަންމާ ސަރުކާރުގެ ރުހުންލިބިގެން އެ ގައުމުގެ ހަރުކަށި ބުޑިސްޓު ޖަމާއަތްތަކުން ގެންދަނީ ހިންގަމުންނެވެ.
ނަމަވެސް މިޔަންމާ އަށް ދިމުގްރާތީ އިސްލާޙްތައް ގެނައުމުގެ ނަމުގައި މަސައްކަތްކުރައްވާ އައުންސަންސޫޗީ އާއި އޭނާގެ "ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ" ޕާޓީއަށް ވެސް މިއީ ބޮޑުކަމެއްނޫނެވެ. އަދި ސޫޗީ ވެސް އޭނާގެ ޕާޓީން ވެސް އަދި ސޫޗީއަށް ތާއީދުކުރާ ހުޅަނގުގެ ގައުމުތަކުން ވެސް ރޮހިންގްޔާ މުސްލިމުންގެ ހައްގުތައް ނިގުޅައިގަންފައިވާތީ ކަންބޮޑެއް ނުވެ އެވެ. އަދި މިއީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާ މުޅިން ޚިލާފު އަނިޔާވެރި އަމަލަކަށްވެސް އެމީހުންނަކަށް ނުވިއެވެ. މީގެއިތުރުން ނިކަމެތިކޮށްލާފައިވާ ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހޯދައި ދިނުމަށް ހުޅަނގުންވެސް އަދި ސޫޗީވެސް މަސައްކަތެއްވެސް ނުކުރެއެވެ. އެހެންކަމުން ރޮހިންޔާ މުސްލިމުންގެ ހައްގުތައް ނިގުޅައިގަތުމާއި އެމީހުން ނިކަމެތިކޮށްލުމުގައި މިޔަންމާގެ ސަކުރާކާއި ސިފައިންގެ މުއައްސަސާއާ އަދި ޑިމޮކްރަސީގެ ނަމުގައި އަޑުއުފުލާ އައުންސަންސޫޗީ އާ ހުޅަނގުންވެސް މިވަނީ ބައިވެރިވެފަ އެވެ.
މިޔަންމާއަކީ 1962 ވަނަ އަހަރުން ފެށިގެން އަސްކަރީ ވެރިކަމެއް ކުރަމުން އަންނަ ގައުމެކެވެ. މިޔަންމާއަށް ދިމުގްރާތީ އިސްލާޙްތައް ގެންނަން ފަށާފައިވަނީ މީގެހަތަރު އަހަރުކުރިން 2011 ގަ އެވެ. އިސްލާޙްތައް ގެންނަން ފެށުމާއެކު މީގެ 53 އަހަރުކުރިން އެކުލަވާލި އެގައުމުގެ އަސްކަރީ މަޖިލިސް 2011 ގައިވަނީ އުވާލާފަ އެވެ. އެއަށްފަހު އިންތިގާލީ މަރްހަލާއެއްގެ ތެރެއިން ވެރިކަން ކުރަމުން ގެންދަވަނީ ކުރީގެ އަސްކަރީ ވެރިޔާ ޖެނެރަލް ތިންސިން އެވެ.
އަސްކަރީ ޔުނީފޯމް ބޭލެއްވުމަށް ފަހު އިންތިގާލީ މަރްހަލާގައި ތިންސިން މިހާރު ކުރައްވަމުން ގެންދަވަނީ މަދަނީ ވެރިކަމެކެވެ. މިޔަންމާގައި އިއްޔެ ބޭއްވި އިންތިޚާބުތަކުގެ ވޯޓުތައް މިހާރު ގުނަމުންދާއިރު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުން ވޯޓުލުމުގައި ބައިވެރިވެފައިވާކަންވަނީ ހާމަވެފަ އެވެ.
މިޔަންމާގެ އިންތިޚާބުތަކުގައި 90 ޕާޓީއަކުން ވާދަކުރެ އެވެ. މިއިންތިޚާބުތަކުގައި ޕާލަމެންޓަށް މެންބަރުން އިންތިޚާބު ކުރުމުގެ އިތުރުން އެގައުމުގެ ސްޓޭޓްތަކާއި ޕްރޮވިންސްތަކުގެ ލޯކަލް ކައުންސިލްތަކަށާ އަދި ބައިމަދު ޖަމާއަތްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުން ވެސް ހިމެނެ އެވެ. މިއިންތިޚާބުތަކުގައި 90 ޕާޓީއަކުން ވާދަކުރި ނަމަވެސް އެންމެ ވާދަވެރި އަދި ބޮޑު ދެ ޕާޓީއަކީ އެގައުމުގައި މިހާތަނަށް ވެރިކަން ކުރި އަސްކަރީ ޖެނެރަލުން އުފައްދާފައިވާ "ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމެންޓް ޕާޓީ" އާއި ޑިމުގްރާތީ ލީޑަރުގެ ގޮތުގައި ސިފަކުރެވޭ އައުންސަންސޫޗީ އުފައްދަވާފައިވާ "ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީ"އެވެ. އެހެން ޕާޓީތަކަކީ ކުދި އަދި ނުފޫޒުކުޑަ ޕާޓީތަކެވެ. މި ދެ ޕާޓީ ވަރަށް ގާތުން ވާދަކުރަމުންދާކަން ގުނަމުންދާ ވޯޓުތަކުންވަނީ ހާމަވެފަ އެވެ. ސޮލިޑަރިޓީ ޕާޓީގެ ޒައީމަކީ މިޔަންމާގެ މިހާރުގެ ރައީސް އަދި ކުރީގެ އަސްކަރީ ވެރިޔާ ޖެނެރަލް ރިޓަޔަޑް ތިންސިން އެވެ.
މިޔަންމާގެ ގާނޫނު އަސާސީ ބުނާގޮތުން އެގައުމުގެ ރައީސަކު އިންތިޚާބު ކުރާނީ ޕާލަމެންޓުންނެވެ. އެހެންކަމުން ރައީސަކު އިންތިޚާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓެއްގެ ބަދަލުގައި މިހާރު އިންތިޚާބު ކުރާ ޕާލަމެންޓްގެ މެންބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ. މިޔަންމާގެ އަސްކަރީ ވެރިންގެ ފަރާތުން ވާރުތަވަމުން އިސްފައިވާ އެގައުމުގެ ގާނޫނު އަސާސީއަށް މިހާރު އިސްލާހްތަކެއް ގެނަސްފައިވީނަމަވެސް އެގައުމުގެ ރައީސްކަމަށް ކުރިމަތި ލެއްވުމުގެ ފުރްސަތު އައުންސަންސޫޗީ އަކަށް ނެތެވެ. އެއީ އެކަމުގެ ޝަރުތުތައް އޭނާގެ ކިބާގައި ނެތުމުންނެވެ.
ނަމަވެސް މިކަމުގައި ސޫޗީގެ ޝަކުވާއެއްނެތެވެ. ސޫޗީ ވިދާޅުވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައެވެ. އަދި ސޫޗީގެ "ނެޝަނަލް ލީގް ފޯރ ޑިމޮކްރަސީ ޕާޓީ" އަށް ޕާލަމެންޓްގެ ގިނަ ގޮނޑި ލިބިއްޖެނަމަ އޭނާ ހުންނަވާނީ ގައުމުގެ ރައީސަށްވުރެ ސިޔާސީގޮތުން މާ މަތީ ލެވެލްއެއްގައި ކަމަށްވެސް ސޫޗީ ދެކެވަޑައިގަންނަވައެވެ. (ނޫސްއެޖެންސީތައް)