ބައިސްކަލެއްގައި އަޅުވާފައި ހުރި ދެ ތަޅު ހަލާކުކޮށްލި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސ. ހިތަދޫ އަވިނުދޭގޭ އަހްމަދު މައުސޫމްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ހ. ބްލޫބާޑު އަބްދުﷲ އަފީފްގެ ބައިސްކަލުގައި އަޅުވާފައި ހުރި ދެ ތަޅު އޭނާ ހަލާކުކޮށްލާފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ކުރި ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކީން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކުރާއިރު ބައިސްކަލުގެ ދެ ތަޅު ހަލާކުކޮށްލީ މައުސޫމުކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ)އާ ހަވާލާދީ އެ މާއްދާގެ (ބ)ގެ ދަށުންނެވެ.

މައުސޫމްގެ މައްޗަށް ދައުލަތުން އުފުލީ މީހެއްގެ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއެވެ.