08 Nov 2015, 23:09
ރާއްޖެ ޓީވީ އަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ އެ ޓީވީން ޚަބަރު ފެތުރުން ދެ ދުވަހަށް މެދުކަނޑާލުމަށްފަހު، އަނެއްކާވެސް ޚަބަރު ފެތުރުމުގެ މަސައްކަތް ފަށައި، އާންމު ބްރޯޑްކާސްޓިންއަށް ރުޖޫއަވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ "ސަން"އަށް މިރޭ ވިދާޅުވީ ރާއްޖެޓީވީގެ އާއްމު ބްރޯޑްކާސްޓު ކުރުން އަލުން ފެށީ އެ ޓީވީގެ މުވައްޒަފުންނަށް އޮތް ބިރުވެރިކަން ފިލައިގެން ގޮސްފައިވާތީ ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެ ޓީވީގެ އާއްމު ބްރޯޑްކާސްޓު ކުރުން އަލުން ފެށީ އެތައް ބެލުންތެރިންގެ ހައްގުތައް ނިގުޅައިގަނެވިގެން ދާ ކަމަށް އެ ޓީވީއަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
"ރާއްޖެ ޓީވީ އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ މަގުބޫލު ޓީވީ ސްޓޭޝަނަށް ވެފައި ވަރަށް ގިނަ ބެލުންތެރިންގެ ހައްގުތައް މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑުކަން. އެއީ ރާއްޖޭގައި ހިނގާ ކަންކަން މިވަގުތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ހުރަހަކަށް ވެގެން އެބަދޭ. އާއްމު ބްރޯޑްކާސްޓު ކުރުން ހުއްޓާލުމުން،" ފިޔާޒު ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ ރާއްޖެ ޓީވީގެ އާއްމު ބްރޯޑްކާސްޓިން މިރޭ އަލުން ފެށުމުގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަނާ ބައްދަލު ކުރުމަށް އެތައް ފަހަރަކު މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކޮމިޝަނުގެ އިސްވެރިންނާ ބައްދަލު ކުރެވިފައި ނުވާ ކަމަށް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
"ނަމަވެސް މިރޭ އަޅުގަނޑުމެންގެ އާއްމު ބްރޯޑްކާސްޓު ކުރުން އަލުން ފެށުމާއެކު ކަހަލަ ގޮތަކަށް މާދަމާ އެ ކޮމިޝަނުގެ އިސްވެރިންނާއެކު [ބްރޯޑްކާސްޓިން ކޮމިޝަން] ބައްދަލުވުމެއް އޮތް ކަމަށް އަޅުގަނޑަށް މިހާރު ވަނީ މައުލޫމާތު ލިބިފައި،" ފިޔާޒު ވިދާޅުވި އެވެ.
ރާއްޖެ ޓީވީގެ އާއްމު ބްރޯޑްކާސްޓު ކުރުން ދެ ދުވަހަށް ހުއްޓާލިއިރު އެ ޗެނަލުން ދައްކާފައި ވަނީ ދިވެހި ފިލްމާއި ގައުމީ ލަވަ އެވެ.