އަޙުމަދު އަޝްރަފް ( ޝުމްބާ ގޮންގް) ސްރީލަންކާގައި ހުއްޓައި ހައްޔަރު ކުރުމުގައި ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފު ވެފައި ނުވާނެ ކަމަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނެފި އެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މިހެން ބުނެފައި މިވަނީ އަޝްރަފް ހައްޔަރު ކުރި މައްސަލައާ ގުޅިގެން ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ލަންކާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކުރާނެ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން މިއަދު ބުނެފައި ވަނިކޮށެވެ.

ރާއްޖޭގެ ހައިކޮމިޝަނުން ބުނި ކަމަށް ލަންކާގެ ކޮލަމްބޯ ގެޒެޓް ނޫހުން މިއަދު ބުނީ އަޝްރަފް ހައްޔަރު ކުރީ ލަންކާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ދިވެހި ސަރުކާރުން ރަސްމީކޮށް އެކަމަށް އެދިގެން ކަމަށެވެ. އަދި އެގޮތަށް އެދުނީ އަޝްރަފް ހައްޔަރު ކުރަން ކޯޓް އަމުރެއް ލިބުމާ ގުޅިގެން ކަމަށް ވެސް ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރު ކުރި އިރު ލަންކާގައި ހުރުމަށް ބޭނުންވާ ރަނގަޅު ލިޔެކިއުންތައް އަޝްރަފް އަތުގައި ނެތްކަން ފާހަގަ ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

"... ސައްހަ ލިޔެކިއުން ނެތި، ބިދޭސީއަކުން އެގައުމެއްގައި ހުރުމަކަށް އެއްވެސް ގައުމަކުން ދުލެއް ނުކުރާނެ. އަޝްރަފް ހައްޔަރުކުރުމުގައި ސްރީލަންކާ ސަރުކާރުން ދެއްކި ހިތްޔެކަން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ފާހަގަ ކުރޭ. ސްރީލަންކާގެ ގާނޫނު ހިންގާ އެޖެންސީތަކާއި ރާއްޖޭގެ ގާނޫނު ހިންގާ އެޖެންސީތަކާ ދެމެދު، ދެގައުމަށް ފައިދާ ހުރި ވަރަށް ރަނގަޅު ގުޅުމެއް އޮތްކަން ހައިކޮމިޝަނުން ފާހަގަކުރަން،" ހައިކޮމިޝަނުން ބުނިކަމަށް ނޫހުގައިވެ އެވެ.

ސްރީލަންކާގެ ފުލުހުން އަޝްރަފް ހައްޔަރުކޮށް ރާއްޖެއަށް ފޮނުވައިލީ މިހިނގާ ނޮވެމްބަރުމަހުގެ ދެވަނަ ދުވަހުއެވެ.