08 Nov 2015, 20:47
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމަށް ރާއްޖެ ގެނައި ކަމަށް ބުނާ ސްރީލަންކާގެ ސްނައިޕާ ޝޫޓަރުގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށް އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ ވިދާޅުވީ ލަންކާ މީހާގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވަނީ މިއަދު ކަމަށެވެ.
އަމާޒަށް ބަޑިޖެހުމުގެ ގާބިލުކަން ލިބިފައިވާ އެ މީހާ ރާއްޖެއިން ހައްޔަރު ކުރީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވި ދުވަހު އެވެ. އެއީ މިދިޔަ މަހުގެ 24 ވަނަ ދުވަހެވެ.
އޭނާ ހައްޔަރު ކުރީ ދިވެހީންގެ ބަޔަކު ފައިސާދީގެން އޭނަ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ.
ލަންކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި އެ މީހާއަށް ފައިސާ ދިނީ ދިވެހީންގެ ކޮންބައެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ. އެ މައްސަލަ ތަހުގީގަށް ގިނަ ތަންތަނެއް ބަލައި ފާސްކުރަމުން ދަނިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ހިބަޅިދޫ ކައިރިއަށް ފައްތާފައި ހުރި ހަނގުރާމަވެރި ހަތިޔާރުތަކެއް ހޯދައިފައެވެ. އޭގެ ތެރެއިން ބައެއް ހަތިޔާރުތަކަކީ އެމްއެމްޑީއެފްގެ ބަޑިގުދަނުން ބޭރުފައިވެފައިވާ ހަތިޔާރު ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.