ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލުމުގެ ހާދިސާއާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަދީބަށް ކުރިން ޖަހާފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުުމުން ދެވަނަ ފަހަރަށް ވެސް ވަނީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައި ވަނީ ދޫނިދޫގައި ބަހައްޓައިގެން ކުރިމިނަލް ކޯޓާ ދޫނިދޫއާ ވީޑިއޯ ކޮންފެރެންސްކޮށް ގުޅައިލައިގެން ނެވެ.

ކޯޓު އަމުރެއްގެ ދަށުން އަދީބު ހައްޔަރުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގަތް ވަގުތު އެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލުމުގެ ހާދިސާއާ ގުޅިގެން އަދީބުގެ މައްޗަށް ތަހުގީގު ހިންގަމުން އަންނައިރު ޕޮލިސް އިންޓަލިޖަންސްގެ އޮފިސަރުންނަށް ރިޝްވަތު ދިން މައްސަލައަކާއި ފިސްތޯލު ގެންގުޅުނު ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުން ނެވެ.