ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް "އިޔާދަ ނުކުރެވޭނެ ގެއްލުންތައް" ލިބެމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އިކޮނޮމިކް ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަހުމަދު ތަސްމީނު އަލީ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިޞާދަށް އިޔާދަނުކުރެވޭނެ ގެއްލުންތައް ލިބެމުންދާތީ އެކަމާ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.

އެ ޕާޓީން ބުނީ މިމަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ލިބެމުންދާ ގެއްލުމަކީ މުޅި އިގްތިޞާދު ފުނޑުފުނޑު ވެގެންދާނެ ކަމެއް ކަމަށެވެ.

"ގައުމީ އުފެއްދުންތެރިކަމުގެ 30 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަން. އެހެންނަމަވެސް މިއީ ހައިސީޒަނަށް ވާއިރު ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ބުކިންތައް ރިސޯޓްތަކުން ކެންސަލްވަމުން ދާކަމުގެ ކަންބޮޑުވުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން އަންނަނީ މިޕާޓީއާ ހިއްސާކުރަމުން،" ތަސްމީނު ވިދާޅުވި އެވެ.

އޭގެ އިތުރުން ގެސްޓްހައުސް ތަކުން ވެސް ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ވެސް އެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ގެއްލުންތަކެއް ވާނެ ކަމަށް ތަސްމީނު ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ވީހާވެސް އަވަހަށް އުވާލުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.