08 Nov 2015, 19:01
ނޮވެމްބަރު 10 އެއްގައި ޖެނީވާގައި ބާއްވާ ޖަވާހިރު ނީލަމުގައި ފިޔާތޮށި ކުލައިގެ ބޮޑު އަލިމަހަކާއި ނޫ ކުލައިގެ އަލިމަހުގެ އަގު ރިކޯޑު އަދަދަކަށް އަރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ފާއިތުވި 20 ވަރަކަށް އަހަރު ތެރޭގައި ކުލަ ހުންނަ އަލިމަހުގެ އަގު ވަނީ ދެ ގުނައަށް އިތުރުވެފަ އެވެ.
"އަލިމަހުގެ އަގު މަތިވެފައި ވަނީ ކުލަ އަލިމަސް ފެންނަ ގޮތް މަދުކަމުން،" ނީލަމުގެ ވިޔަފާރިއެއް ކަމަށްވާ ކްރިސްޓީސްގެ ބައިންލްއަގުވާމީ ހެޑް އޮފް ޖުވެލެރީ ރާހުލް ކަޑަކިއާ ބުންޏެވެ.
ފަހަކަށް އައިސް ހުދު އަލިމަހުގެ އަގު ވަނީ ދަށް ވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.
ސޮތެބީސް އިންޓަނޭޝަނަލް ޖުވެލެރީ ޑިވިޝަންގެ "ފޭންސީ ވިވިޑް" ނޫ އަލިމަހަށް 35 މިލިއަން ޑޮލަރާއި 55 މިލިއަން ޑޮލަރުގެ އަގެއް އަރާނެ ކަމަށް ބެލެވެ އެވެ.
"ބުލޫ މޫން"ގެ ނަން ދީފައިވާ އެ އަލިމަސް ފެނިފައި ވަނީ ސައުތް އެފްރިކާ އިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެ އަލިމަހަކީ ނީލަމުގައި ބައިވެރި ކުރި އެންމެ ބޮޑު "ކުޝަން" ބައްޓަމަށް ހުރި އަލިމަހެވެ.
ސޮތެބީސް އިންޓަނޭޝަނަލް ޖުވެލެރީ ޑިވިޝަންގެ ވެރިޔާ ބުލޫ މޫން ސިފަ ކޮށްފައި ވަނީ ފުރިހަމަ ކުލައެއް ހުރި ސާފު ޖަވާހިރެއްގެ ގޮތުގައި އެވެ.
ސޮތެބީސްގެ ބުލޫ މޫންއާ ވާދަކުރަނީ ކްރިސްޓީސްގެ "އިން ދަ ޕިންކް" ކިޔާ 16.08 ކެރަޓްގެ އަލިމަހެކެވެ. އެ އަލިމަހަށް 23 މިލިއަން ޑޮލަރާއި 28 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް އަރާނެ ކަމަށް ކަޑަކިއާ ބުނެފައިވެ އެވެ.
ފާއިތުވި 250 އަހަރު ތެރޭގައި 10 ކެރަޓަށް ވުރެ ބަރު، ފިޔާތޮށި އަލިމަސް ވިއްކާފައިވަނީ ހަމައެކަނި ތިން ފަހަރަކު ކަމަށް ޖިމޮލޮޖިކަލް އިންސްޓިޓިއުޓް އޮފް އެމެރިކާއިން ބުނެފައިވެ އެވެ.