ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ހޮންކޮންއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ޓިކެޓް އެފްއޭއެމް އިން މާދަމާ ވިއްކަން ފަށާނެ އެވެ.

އެފްއޭއެމުން ބުނީ ބުރާސްފަތި ދުވަހު ކުޅޭ މެޗްގެ ޓިކެޓް މާދަމާއިން ފެށިގެން ގައުމީ ފުޓްބޯޅަ ދަނޑުން ވިއްކާނެ ކަމަށެވެ.

އެފްއޭއެމުން ބުނީ، ޓިކެޓް ވިއްކަން ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކަމަށާއި، ޓިކެޓް ވިއްކަނީ ސިޑިބަރިން 50ރ. އަށް އަދި ގޮނޑިބަރިން 100ރ. އާއި 150ރ. އަށް ކަމަށެވެ.

ގޮނޑިބަރީގެ ޓިކެޓް ވިއްކާނީ 2 ނަންބަރު ގޭޓުން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ގޮނޑިބަރީގެ ޓިކެޓް ދަނޑުގެ އޮލިމްޕަހާ ދިމާލުގެ ކައުންޓަރުން ވިއްކާއިރު ސިޑިބަރީގެ ޓިކެޓް ވިއްކާނީ އިރުއުތުރު ކަނުގައި ހުންނަ ޓިކެޓް ކައުންޓަރުންނެވެ. އެފްއޭއެމުން ބުނީ ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ ކޮންޓްރޯލް ކޮށްގެން ކަމަށާއި އެހެން ކަމުން މީހަކަށް ގިނަވެގެން ވިއްކޭނީ ފަސް ޓިކެޓް ކަމަށެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ އިން ފަސް މެޗު މިހާތަނަށް ކުޅެފައިވާ އިރު، ރާއްޖެ މޮޅުވެފައި ވަނީ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ހޮންކޮންއާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން މާލޭގައި ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ސީގެ ހަތަރު ވަނައިގައި ތިން ޕޮއިންޓާ އެކީ ރާއްޖެ އޮތްއިރު، މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކީ އޮތީ ގަތަރެވެ. ދެވަނައިގައި 10 ޕޮއިންޓާއެކީ ހޮންކޮންގް އޮތް އިރު، ތިންވަނައިގައި ހަތް ޕޮއިންޓާއެކީ އޮތީ ޗައިނާއެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބޫޓާން އެވެ.