ނިހާއި ހުކުމެއްކަން ނުވަތަ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭ މައްސަލަތައް ހައިކޯޓުން ނިންމާތާ 30 ދުވަހުގެ ތެރޭގައި ސުޕުީމު ކޯޓުގައި އިސްތިއުނާފުކުރަން ޖެހޭނެ ކަމަށް ކަނޑައަޅައި ސުޕުރީމް ކޯޓުން ސާކިއުލާއެއް ނެރެފި އެވެ.

ސުޕުރީމު ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭ މައްސަލަތައް ހައިކޯޓުން ނިންމާތާ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމުގެ ހައްގު އޮއްނަ ފަރާތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ ހުކުމް ކަށަވަރުކުރުމަށް ހުށަހެޅަން ޖެހޭނީ ޕީޖީއިން ކަމަށްވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

ހައިކޯޓުން ނިންމާ ހުރިހާ މައްސަލަތަކެއް ވެސް ސުޕުރީމު ކޯޓުގައި އިސްތިއުނާފުކުރުމަށް މީގެ ކުރިން ދީފައި އޮއްނަނީ 60 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް މި ސާކިއުލާއާ ގުޅިގެން މަރުގެ މައްސަލަތަކާއި ހައްދުގެ މައްސަލަތައް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނެ އެވެ.