08 Nov 2015, 15:50
ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ހާލަތު ވަރަށް އަވަހަށް އުފާލެވޭނެ ކަމަށް އުއްމީދކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް އީމެއިލް މެދުވެރިކުރައްވައި ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވެފައި ވަނީ ކަންތައްތައް ވަރަށް އަވަހަށް އާއްމު ހާލަތަށް ބަދަލުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"...މިއީ ހަމަ އެކަނި ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތް ވުމުގެ ގޮތުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއް. އަޅުގަނޑުމެން އުއްމީދުކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު ވަރަށް އަވަހަށް އުވާލެވޭނެ ކަމަށް. އަދި ކަންތައްތައް އާއްމު ހާލަތަށް ބަދަލުވެ، ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ކަމަށް،" މިހާރު އިއުލާންކޮށްފައިވާ 'ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ފަހު އުވާލާނެތޯ' ދަ ހިންދޫ ނޫހުން ކުރި ސުވާލުގެ ޖަވާބުގައި ދުންޔާ ވިދާޅުވެފައިވެ އެވެ.
ދުންޔާ ވިދާޅުވެފައި ވަނީ ޑިމޮކްރަސީގެ ގޮތުން ރާއްޖެ ފަހަތަށް ނުދާނެ ކަމަށާއި ސަރުކާރާއި ރައްޔިތުން ތިބީ މަލްޓި ޕާޓީ ޑިމޮކްރަސީއާއިގެން ކުރިއަށްދާން ކަމަށެވެ.
އިސްލާމިކް ސްޓޭޓް ( އައިއެސް) ފަދަ ޖިހާދީ ގްރޫޕްތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ގޮންޖެހުންތައް ކުރިމަތިވޭތޯ ވެސް ދަން ހިންދޫ އިން ދުންޔާއާ ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވެފައި ވަނީ 'ހައްދުފަހަނައަޅާފައިވާ' ވަރަށް މަދު އަދަދެއްގެ މީހުން، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް އުޅޭ ކަމަށެވެ.
"... މެދުމިނުގެ އިސްލާމީ ޑިމޮކްރަސީއަށް މިހާރުގެ ސަރުކާރުން ކުރާ ތާއީދަކީ ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް އެޅިފައިވާ އެންމެ ވަރުގަދަ ފިޔަވަޅު،" ދުންޔާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.