03 Apr 2011, 13:24
އަހުލާގީ ގޮތުން ދަށްފެންވަރުގެ ވީޑިއޯއެއްގެ މައްސަލައިގައި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައިވާ މުނިސިޕަލްޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް އާދަމް ޝާކިރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ޝާކިރު ވަޒީފާއިން ވަކި ކޮށްދިނުމަށް އެދުމާއި ގުޅިގެން އޭނާ ވަކިކުރީ މިދިޔަ ހަފްތާ ތެރޭ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހެއްގެ ހައިސިއްޔަތުން ގާނޫނު ލާޒިމް ކުރާ އިނާޔަތްތައް ޝާކިރު އަށް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝާކިރު އިސްތިއުފާ ދެއްވާފައި ވަނީ ބަލި ހާލަތު ހުރި ގޮތުން ވަޒީފާގައި އުޅެވެން ނެތިގެން ކަމަށް ވިދާޅުވެ އެވެ.
ސިވިލްސާވިސްގެ ގަވާއިދު ބުނާ ގޮތުން އުމުރުން 55 އަހަރުވުމުން ގާނޫނުގެ 50 ވަނަ މާއްދާގެ )ށ( ގައި ވާގޮތުގެ މަތިން ވަޒީފާ އިން މުސްކުޅިކޮށް، ވަކިކުރުމުގެ އިޚުތިޔާރު ސީއެސްސީ އަށް ލިބިގެންވެ އެވެ.
ދައުލަތުގެ ބައެއް އިސްވެރިންނާއި މުޖުތަމައުގެ އެކި ފަންތީގެ މީހުންގެ ބަރަހަނާ މަންޒަރުތަކެއް ބޭނުންކޮށްގެން އެފަރާތްތަށް ބްލެކްމެއިލްކުރަން މަސައްކަތްކުރަން އުޅުނު މައްސަލަ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. ޚަބަރު ފެތުރިފައިވާ ގޮތުގައި، މިދިޔަ މަހުގެ ތެރޭ ޝާކިރު ސަސްޕެންޑްކޮށްފައި ވަނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކުން އޭނާ ފެންނަ މައްސަލައަކާ ގުޅިގެންނެވެ.
މިއީ އެ ވީޑިއޯތަކުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވުނު ސަރުކާރުގެ އިސްވެރިޔަކު އިސްތިއުފާދެއްވި ފުރަތަމަ ފަހަރެވެ. އެކަމުގައި ހިމެނޭ އިތުރު ދައުލަތުގެ އިސްވެރިންވެސް އިސްތިއުފާދެއްވަން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކާއި އަދި ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވެސް މިހާރު ދަނީ ބުނަމުންނެވެ.
ދައުލަތުގެ އިސްވެރިންތަކަކަށް އިންޓަނެޓުން ބިރުދައްކައި، "ބްލެކް މައިލް" ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި 14 މީހުންގެ ތެރެއިން ތިން މީހަކު ގޭ ބަންދަށް ބަދަލުކޮށް، ތިން މީހަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.