ނިއުދިއްލީ(ނޮވެމްބަރު 8): އިންޑިއާގެ އިރު މަތީގެ ސްޓޭޓެއްކަމަށްވާ ބިހާރު ގައި ލޯކަލް އެސެމްބްލީ އަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެއްޖެ އެވެ.

ބިހާރުން ލިބޭ ޚަބަރުތައް ބުނާގޮތުން އެ ސްޓޭޓްގެ ލޯކަލް އެސެމްބްލީ (އެ ސްޓޭޓްގެ ޕާލަމެންޓް) ގައި ހިމެނޭ 243 ގޮނޑީގެ ތެރެއިން މޯދީގެ ބީޖޭޕީ އަށް ލިބިފައިވަނީ އެންމެ 103 ގޮނޑިއެވެ. އެންމެ ގިނަ ގޮނޑި ލިބިފައިވަނީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރ ކަމުގައި މިހާރުވެސް ހުންނެވި ނިޓިޝް ކުމާރުގެ ކޯލިޝަނަށެވެ. އެކޯލިޝަނަށް 125 ގޮނޑި ލިބިފައިވެއެވެ. ބާކީ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އެހެނިހެން ޕާޓީތަކުންނެވެ.

މިއީ މޯދީގެ ސިޔާސަތުތަކަށާއި އަދި ބީޖޭޕީއަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެއްކަމަށް މުރާސިލުން ސިފަކުރެ އެވެ.

މޯދީއަކީ އިންޑިޔާގައި މިހާތަނަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އިންޑިޔާގެ ފަގީރުންގެ ޙާލަތު ރަނގަނޅު ކުރުމަށް އެންމެ ބޮޑަށް އިސްކަން ދެއްވައި އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޮޑުވަޒީރެވެ. މޯދީ ގެންދަވަނީ އިންޑިޔާގެ ހުރިހާ ސްޓޭޓްތަކަކުން ފަގީރުކަން ކުޑަކުރުމަށް ވަރުގަދަ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރައްވަމުންނެވެ.

ބިހާރަކީ އިންޑިޔާގެ އެންމެ އާބާދީ ބޮޑު އަދި އެންމެ ފަގީރުން ގިނަ ސްޓޭޓެވެ. އެ ސްޓޭޓުން ފަގީރުކަން ކުޑަކުރުމަށް މޯދީގެ ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދެ އެވެ. އަދި މޯދީ ވަނީ ބިހާރުގެ ތަރައްގީއަށް އެތަށް ބިލިއަން ޑޮލަރެއްގެ ތަރައްގީގެ މަޝްރޫއުތަކާއި ބޭރުގެ އިންވެސްޓްމަންޓްތައް ކުރިޔަށްއޮތް ދެތިން އަހަރު ތެރޭގައި ގެންނަވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ. މިއާއެކުވެސް މޯދީ އަށް ބިހާރުން ލިބުނު ނާކާމިޔާބީ އަކީ އޭނާ ކަންބޮޑުވެ ވަޑައިގަންނަވާނެ ކަމެކެވެ.

މޯދީގެ ބީޖޭޕީއަށް އިންޑިޔާގެ ޕާލަމެންޓްގެ ފުރިހަމަ ކޮންޓްރޯލް ނެތި އޭނާގެ ތަރައްގީ ޕްރޮގްރާމާއި ފަގީރުކަން ކުޑަކުރުމުގެ ޕްރޮގްރާމްތައް ކާމިޔާބެއް ނުކުރެވޭނެ އެވެ.

އިންޑިޔާގެ ޕާލަމެންޓްގެ ފުރިހަމަ ކޮންޓްރޯލް މޯދީއަށް ހޯދޭނީ ސްޓޭޓްތަކުގެ ޕާލަމެންޓްތައް ބީޖޭޕީއަށް ކާމިޔާބު ކުރެވިގެންނެވެ. ބިހާރުގެ ޗީފް މިނިސްޓަރ ކަމުގައި މިހާރުވެސް ހުންނެވި ނިޓިޝް ކުމާރުގެ ކޯލިޝަން އެ ސްޓޭޓްގެ އިންތިޚާބު ކާމިޔާބު ކުރުމާއެކު އޭނާވަނީ މޯދީގެ ހުރިހާ ސިހުރެއް ބާތިލްވި ކަމަށް ވިދާޅުވެ މޯދީ އަށް ގޮންޖައްސަވައި ވާހަކަ ދައްކަވާފައެވެ.

ބިހާރުގެ ލޯކަލް އިންތިޚާބުން ނާކާމިޔާބުވެފައިވާ އިރު ބީޖޭޕީއަށް ވަނީ މިދިޔަ ފެބްރުއަރީ މަހު ނިއުދިއްލީގައި ބޭއްވި އެ ސްޓޭޓްގެ ޕާލަމެންޓްގެ އިންތިޚާބުވެސް ނާކާމިޔާބުވެފައެވެ. މިކަމުގެ ސަބަބުން އިންޑިޔާ އިގްތިސާދީ ގޮތުން ތަރައްގީކޮށް ފަގީރުކަން ކުޑަކުރުމަށް ކުރާ މަސައްކަތްތްތަކުގައި މޯދީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ ވަޑައިގަންނަވާނެއެވެ. (ރޮއިޓާސް)