ވޮޝިންޓަން (ނޮވެމްބަރު 8) -- ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ މުޝީރެއްގެ ގޮތުގައި ކުރީގައި މަސައްކަތް ކުރެއްވި މިލިއަނަރު މިކްހައިލް ލީސިން، ވޮޝިންޓަންގެ ހޮޓަލެއްގައި މަރުވެފައި އޮއްވައި ބުރާސްފަތި ދުވަހު ފެނިއްޖެ އެވެ.

ހުކުރު ދުވަހު އެމެރިކާގެ އޮފިޝަލުން ވަނީ ލީސިން މަރުވި ކަން ޔަގީން ކޮށްދީފަ އެވެ. ރަޝިއަން ޓުޑޭގައިވާ ގޮތުން 57 އަހަރުގެ ލީސިން މަރުވެފައި ވަނީ ހާޓް އޭޓޭކެއް ޖެހުމުގެ ސަބަބުންނެވެ.

ލީސިން އަކީ ރަޝިއާ ޓުޑޭ ވުޖޫދަށް ގެނައުމުގައި އިސްދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ.

ލީސިން ވަނީ ރަޝިއާގެ ޕްރެސް މިނިސްޓަރުކަން 1999 އިން 2004 އަށް ކުރައްވާފަ އެވެ. އަދި 2004 އިން 2009 އަށް ހުންނެވީ ރައީސް ޕޫޓިންގެ މީޑިއާ އެޑްވައިޒަރެއްގެ މަގާމުގަ އެވެ. އޭގެ ފަހުން އެއް އަހަރު ވަންދެން ރަޝިއާގެ އެންމެ ބޮޑު މީޑިއާ ކޮމްޕެނީ ގެޒްޕުރޯމް މީޑިއާގެ ސީނިއާ އެގްޒެކެޓިވް އެއްގެ ގޮތުގައި ހުންނެވި އެވެ.

ލީސިންގެ މަރާ ގުޅިގެން ރައީސް ޕޫޓިން ވަނީ ލީސިންގެ އާއިލާ އަށް ތައުޒިއާ ފޮނުވާފަ އެވެ.

"ރަޝިއާ އަށް މާސް މީޑިއާ ތައާރަފް ކުރުމަށް ޓަކައި މިކްހައިލް ލީސިން ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ރައީސް ޕޫޓިން ވަނީ ޝުކުރު އަދާ ކުރައްވާފައި،" ކުރެމްލިން ޕުރެސް ސާވިސްއަށް ހަވާލާދީ އާރްޓީގައިވެ އެވެ.