ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކާއި ހއ. އިހަވަންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމާއި ގއ. ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގެ އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

އެ ރަސްމިއްޔާތުގައި ގުރައިދޫ މަރުކަޒު މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ ސްޕީޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ އެވެ. އަދި ދެ ރަށުގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ އައިއެސްއެފް ކޮންސްޓްރަކްޝަން އާ އެވެ.

މިއަދު ހެލްތު މިނިިސްޓްރީގައި ދެ މަޝްރޫއެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މަރުކަރު މަރާމާތު ކުރުމަށް 2.2 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ހަވާލުކޮށްފައިވާ ކަމަށެވެ.

އިރުތިޝާމް ވިދާޅުވީ އެ މަޝްރޫގެ ދަށުން އެ މަރުކަޒުގެ ފާހާނާތައް މަރާމާތު ކުރާނެ ކަމަށެވެ. އޭގެ އިތުރުން އެ މަރުކަޒުގެ ފަސް ވަނަ ވޯޑުވެސް މަރާމާތު ކުރާނެެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް އައިއެސްއެފް އާ ހަވާލުކޮށްފައި ވަނީ 1.1 މިލިއަން ރުފިޔާ އަށެވެ. ޖުމްލަ 75 ދުވަހުގެ މުއްދަތެއް ދިން މަޝްރޫއުގައި އެ މަރުކަޒުގައި އެއާކޮންޑިޝަން ބެހެއްޓުމާއި ފާހާނަތައް މަރާމާތު ކުރާނެ އެވެ. އޭގެ އިތުރުން ކަރަންޓު ވިއުގަ ރަނގަޅު ކުރުން ވެސް އެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ކަނޑުހުޅުދޫ ސިއްހީ މަރުކަޒް ބޮޑު ކުރުމުގެ މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގެ އާއިމާރާތެއް އަޅާނެ އެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ހަމަޖެހި ވަނީ އިމާރާތުގެ ފުރަތަމަ މަރުހަލައިގެ މަސައްކަތެވެ. ޖުމްލަ 1.4 މިލިއަން ރުފިޔާ އަށް ހަވާލު ކުރި މަސައްކަތުގެ ދަށުން އިމާރާތުގެ ފައުންޑޭޝަން އެޅުމާއި ސިމެންތި ޖެހުން ހިމެނެ އެވެ.