08 Nov 2015, 14:08
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯމަރޭޝަނުން ދައުލަތަށް ނުލިބިވާ ފައިސާ ހޯދަން ކެބިނެޓުގައި މަޝްވަރާކޮށްފި އެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެމްއެމްޕީއާރުސީ އިން ދައުލަތަށް ނުލިބިވާ ފައިސާ އަނބުރާ ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މަޝްވަރާކޮށްފައި ވަނީ ކިހާ ފައިސާއެއް ގެއްލިގެން ކަމެއް އަދި އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ހާމަކުރައްވާފައެއް ނުވެ އެވެ.
Miadhuge Cabinet Meeting: - MMPRC ge therein dhaulathah nulibivaa faisaa anburaa hoadhumah elhidhaane fiyavalhuthakaa gulhey mashvaraa
— Ibrahim Muaz Ali (@SpokespersonMV)November 8, 2015
އޭގެ އިތުރުން ބޮޑެތި މަޝްރޫއުތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ވެސް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަމަށް މުއާޒް ވަނީ ވިދާޅުވެފަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެމްއެމްޕީއަރުސީން ޓޫރިޒަމަށް ރަށްތައް ދޫކުރި މައްސަލައާއި އެކުންފުނީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބެލުމަށް އޭސީސީގެ ޓީމަކުން އެމްއެމްޕީއާރުސީއަށް ވަދެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
"ޖުމުލަކޮށް އެތާގެ އެތެރޭގައި ހުރިއްޔާ ހުރި ހުރިހާ މައްސަލައެއް ބަލަން މިހާރު ވަދެގެން މިއުޅެނީ." ލުތުފޫ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލްއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވައިފަ އެވެ.
އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިރު އެކުންފުންޏާ ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ފައިސާ އާ ގުޅޭ މައްސަލަތަކާއި އޮޅުވާލައިގެން ރާއްޖެ އެތެރެކުރި ބަޑިބޭސް ކޮންޓޭނަރެއްގެ މައްސަލައެއް ހިމެނެ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.