08 Nov 2015, 12:17
މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސުކޫލުތަކަށް ވަނުމަށް އެދި 557 ކުދިން ފޯމުލާފައިވާ ކަމަށާއި އެ ހުރިހާ ކުދިންނަށް ވެސް ޖާގަ ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެމިނިސްޓްރީ އިން ބުނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެއިން ސުކޫލުތަކަށް ވަނުމަށް އެދި ހުށަހަޅާފައިވާ ކުދިންގެ ތެރޭގައި އަލަށް ސުކޫލަށް ވަންނަން ބޭނުންވާ ކުދިންނާއި ސުކޫލު ބަދަލުވާ ކުދިންވެސް ހިމެނޭ ކަމަށެވެ. އަދި އެ ހުރިހާ ކުދިންނަށް ވެސް ޖާގަ ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ސުކޫލަށް ވަނުމަށް ބޭނުންވާ ކުދިންނަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އިތުރުފުރުސަތެއް ހުޅުވާލާފަ އެވެ. އެއީ ހުޅުމާލޭ ރެހެންދި ސުކޫލާއި ގާޒީ ސުކޫލުގެ އިތުރުން ވިލިމާލޭ މުހިއްޔުންދީން ސުކޫލަށް ވަނުމަށް ބޭނުންވާ ކުދިންނަށް އެފުރުސަތެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ އެ ސުކޫލުތަކަށް ވަންނަން ބޭނުންވާ ކުދިން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފެށެން ތައްޔާރުވާ އިރު ސްކޫލުތަކަށް ދަރިވަރުން ބަދަލުކޮށް ވެއްދުމުގައި ބައެއް ސްކޫލުތަކަށް ބާރު ބޮޑުވާކަމަށް މިނިސްޓަރު އައިޝަތު ޝިހާމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.