03 Apr 2011, 12:54
ކ. ހިންމަފުށީ އައްސޭރި ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ރޭ ދަންވަރު ފިލައިފި އެވެ.
ޑީޕީއާރުއެސްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ރޭ 10:00 ޖަހާއެހާކަންހާއިރު ފިލީ ފޭރުމުގެ މައްސަލަ އެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ތ.ގުރައިދޫ ރީތިގޭ، އިބްރާހިމް ރިފާއު ކަމަށެވެ.
ރަޝީދު ވިދާޅުވީ 30 ހަކަށް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ލޯ ސެކިއުރިޓީ ޖަލުން ގައިދީއަކު ފިލިކަން އެނގުނީ އެވަގުތު ޑިއުޓީގައި ތިބި މީހުން ޑިއުޓީ ބަދަލުވި ވަގުތު ޖަލުގައި ތިބި މީހުން ހަމަތޯ ގުނިއިރު އެކަކު މަދުވުމުން ކަމަށެވެ.
ހިންމަފުށީ ޖަލަކީ އާންމުގޮތެއްގައި އަޚްލާގު ރަނގަޅު ގައިދީން ބަލަހައްޓަމުން އަންނަ ޖަލެކެވެ. އަދި ގައިދީންނަށް އަމާޒުކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމް ތައް ވެސް އައްސޭރި ޖަލުގައިދަނީ ހިންގަމުންނެވެ.
ހިންމަފުށީ ޖަލުން ގައިދީއަކު ރޭ ފިލިއިރު، މާފުށި ޖަލުގައި 25 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ މއ. އާފަލުގޭ މުހައްމަދު މުޖްތަބާ ވަނީ މިދިޔަ އާދީއްތަ ދުވަހު ވަރިސާބިތު ކުރުމުގެ މައްސަލައެއްގައި ފެމިލީ ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް ފިލައިފަ އެވެ.
މީގެ އިތުރުން، 25 އަހަރު ކުރިން ފެށިގެން ތަފާތު މައްލަސަތަކެއްގައި މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ސ. ހިތަދޫ، ތުރަޝް މުހައްމަދު އިބްރާހިމް ދީދީ (ކިޔަވާ) ބޭސް ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވާ މީގެ ތިން ހަފްތާ ކުރިން ވަނީ ފިލައިފަ އެވެ.
ޑީޕީއާރުއެސް އިން ބުނަނީ، އަދި ވެސް އެއިން އެކަކުވެސް ނުފެންނަ ކަމަށާއި އެމީހުން ހޯދުމަށް ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށެވެ.