08 Nov 2015, 18:45
ގައުމީ ޔުނިވާސިޓީން އަންނަ ޖެނުއަރީ އިންޓޭކް ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.
ޔުނިވާސިޓީގެ ކޯސްތަކަށް އެޕްލައިކޮށްގެން ވަނުމަށް އެދޭ ފަރާތްތަކުން މިހާރު ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްދާއިރު ގިނަ ސަރަހައްދުތަކަކުން ފޯމް ބަލައިގަންނާނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
އެގޮތުން ފޯމް ބަލައިގަތުން ޔުނިވާސިޓީގެ "ޖީ-ބްލޮކް" އާއި ހދ. ކުޅުދުއްފުށްޓާއި ލ. ގަމާއި ގދ. ތިނަދޫ އަދި އައްޑޫ ސިޓީގައި ހުންނަ ޔުނިވާސިޓީގެ ކެމްޕަސްތަކުން ފޯމް ބަލައިގަންނާނެ އެވެ.
ޔުނިވާސިޓީއަށް އެޕްލައި ކުރުމުގެ 14 ދުވަސްތެރޭގައި ޔުނިވާސިޓީގެ ފަރާތުން ޖަވާބެއް ލިބޭނެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ސްކޯލާޝިޕަށް ބައިވެރިވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ތިން ސްކީމެއް ދަށުން ލޯނު ދޫކުރާނެ އެވެ. އެގޮތުން ހަމައެކަނި ޓިއުޝަން ފީތަށް ކަވަރު ކޮށްދޭ 20 ސްކޯލާޝިޕް އާއި އަންޑަގްރެޖުއޭޓް ދެ ސްކޮލާޝިޕް އަދި ޕޯސްޓްގްރެޖުއޭޓް ދެ ސްކޮލާޝިޕް އެކެވެ. ސްކޯލާޝިޕް އަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރެއްގެ ނިޔަލަށެވެ.
އަންނަ އަހަރު ޖެނުއަރީ އިންޓޭކްގައި 192 ކޯހެއް ފަށަން ކަނޑައަޅާފައިވާ ކަމަށް ޔުނިވާސިޓީ އިން ވަނީ ބުނެފަ އެވެ. އެ ކޯސްތަކުގައި ބައިވެރިވުމަށް 6،265 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ.