08 Nov 2015, 12:01
ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރި ތިން ސިފައިންގެ މީހުންގެ ބަންދަށް މިއަދު ވެސް އިތުރުކޮށްފައި ވަނީ 15 ދުވަހެވެ.
މިއަދު ބަންދުގެ މުއްދަތު އިތުރުކުރި ތިން މީހުންނަކީ އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒު ނަމަކަށް ސިފައިންގެ މީހަކާއި ސާޖަންޓް މޫސާ ޒަމީރުގެ އިތުރުން އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (އީއޯޑީ) ޔުނިޓުގައި އިސްކޮށް ހަރަކާތްތެރިވާ ލެފްޓިނެންޓް ތިހާމްއެވެ.
އެ މައްސަލައިގައި ލިބިފައިވާ ހެކިތަކުގެ ތަފްސީލެއް މިއަދު ފުލުހުން ކޯޓުގައި ހާމަކޮށްފައެއްނުވެ އެވެ.
އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ކިޔައިދިން ގޮތުގައި ޒަމީރަކީ ބޮން ނުގޮވާ ގޮތަށް ރައްކާތެރިކަމާ އެކު އެތަކެތި ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ މީހަކެވެ. އޭނާއަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި ކުރިން މަސައްކަތް ކުރި ހަށިފާރަވެރިއެކެވެ.
ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވުމުގެ ސަބަބުން ރައީސް ޔާމީނުގެ އަނބިކަނބަލުންނާއި އެމަނިކުފާނުގެ ބޮޑީ ގާޑަކަށް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.
ހައްޖުގެ އަޅުކަމަށް ފަހު ރައީސް ޔާމީން ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ފިނިފެންމާގައި ބޮންގޮއްވި ހާދިސާގެ ފަހުން އެސްޕީޖީ އިން ރައީސަށް ސެކިއުރިޓީ ދިނުން ހުއްޓާލައި، އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށް ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ) ވަނީ އުފައްދާފަ އެވެ.
އެ ޑިވިޝަން އުފައްދާފައި ވަނީ އެސްޕީޖީގެ އިސްވެރިޔަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) މާލެ އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކުރެއްވުމަށް ފަހު އެވެ. އެސްޕީޖީގެ ވެރިއަކަށް އައްޔަންކޮށްފައި ވަނީ ކާނަލް އަބްދުއްރަހީމެވެ.
އެ ހާދިސާގެ ފަހުން ޕާޕާ އާއި ނައިބު ރައީސް އަހްމަދު އަދީބުގެ ކުރީގެ ބޮޑީގާޑު ކޯޕްރަލް އަހްމަދު އާމިރު ވަނީ ސިފައިންގޭގައި ބަންދުކޮށްފަ އެވެ.
އެމީހުންގެ އިތުރުން ސިފައިންގެ އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.