ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ލަންކާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ސްރީލަންކާގެ ނޫހެއް ކަމަށްވާ ސަންޑޭ ޓައިމްސްގައި ބުނެފައި ވަނީ ޒާހިޔާ ޒަރީރު ފޮރިން މިނިސްޓްރީ އަށް ހާޒިރުވުމަށް އަންގާފައި ވަނީ ރައީސް ޔާމީންގެ ލޯންޗުކޮޅަށް ދިން ހަމަލާއާ ގުޅިގެން ލަންކާގެ އެހީތެރިކަމާ އެކު ހައްޔަރު ކުރި އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް)ގެ މައްސަލައާ ގުޅިގެން ކަމަށެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި ރާއްޖެ އިން ހައްޔަރު ކުރި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކަ ހައްޔަރު ކުރި މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަންޑޭ ޓައިމްސްގައި ވަނީ ބުނެފަ އެވެ.

އުމުރުން 24 އަހަރުގެ މަދުޝަންކަ ހައްޔަރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އުޅޭތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓްރީން ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރަށް، ހައްޔަރުކުރެވުނު މަދުޝަންކައާ ބައްދަލުކޮށް ގާނޫނީ ހުރިހާ އެހީތެރިކަމެއް ލިބޭތޯ ބަލައި ސާފުކުރުމަށް އަންގާފައިވާ ކަމަށް ސަންޑޭ ޓައިމްސްގައި ވަނީ ބުނެފަ އެވެ.