08 Nov 2015, 11:44
އޭދަފުށީ މަލްޓި ޕާޕާސް އިމާރާތުގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް 2011 ވަނަ އަހަރު އެ ރަށު ކައުންސިލުގެ ރައީސްގެ ބޭބެއާ ހަވާލުކުރި މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލަން ފޮނުވައިފި އެވެ.
އޭސީސީއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލަން ފޮނުވާފައިވާ އިރު އޭގައި ވަނީ 2011 ވަނަ އަހަރު އެ ރަށު މަލްޓި ޕާޕާސް އިމާރާތުގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް އޭދަފުށީ ކައުންސިލުގެ ރައީސްގެ ބޭބެއާ ހަވާލުކޮށްފައިވާ އިރު އޭނާއަކީ މައުލޫމާތު ސާފުކުރަން ގޮސްފައި ވެސް ނުވާ ކަމަށެވެ.
އަދި އަންދާސީ ހިސާބު ހުށަހެޅި މީހުންގެ ތެރެއިން ކައުންސިލުގެ ރައީސްގެ ބޭބެއަށް ވުރެ އަގު ކުޑަކޮށް ހުށަހެޅި ފަރާތްތަކެއް ތިބި ކަމަށާއި ނަމަވެސް އެ މަސައްކަތް އޭނާއާ ހަވާލުކުރީ ގާނޫނާހިލާފަށް ކަމަށެވެ.
އޭގެ އިތުރުން އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމުގައި ކައުންސިލުގެ އޭރުގެ ރައީސް ބައިވެރިވެފައިވާ ކަމަށާއި އޭނާ ސޮއިކޮށް އޭނާގެ ބޭބެއަށް މަސައްކަތް ހަވާލުކޮށްފައިވާ އިރު ކައުންސިލުގެ ރައީސްގެ ބޭބެ ހުށަހެޅި އަންދާސީ ހިސާބަކީ ހަތް ވަނަ އަަށް އެންމެ ކުޑަ އަގުކަމަށް ވެސް އޭސީސީއިން ވަނީ ބުނެފަ އެވެ.
އޭދަފުށީ މަލްޓި ޕާޕާސް އިމާރާތުގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ހަވާލުކުރުމުގައި އެ ރަށު ކައުންސިލުގެ އޭރުގެ ރައީސް އާއި އިވެލުއޭޝަން ކޮމިޓީގައި ބައިވެރިވި އިތުރު މެންބަރުން އަމަލުކޮށްފައި ވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަން އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެހެންކަމުން ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އޭދަފުށި އޭރުގެ ކައުންސިލުގެ ރައީސްގެ އިތުރުން ތިން މީހެއްގެ މައްޗަށް އުފުލުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.