ގައުމީ އަންހެން ވޮލީ ބޯޅަ މުބާރާތް ޖުމްލަ ހަތް ޓީމާ އެކު އިއްޔެ ފަށައިފި އެވެ.

ޒުވާނުންގެ މަރުކަޒް އެތެރޭ ކޯޓްގައި ލީގް އުސޫލުން ކުރިއަށް ގެންދިއުމަށް ހެމަޖެހިފައިވާ އެ މުބާރާތުގައި ވާދަކުރާ ހަތް ޓީމަކީ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ޗެމްޕިއަން އިހަވަންދޫ އާއި ރަނަރަޕް ދިއްދޫ ޓީނޭޖް ބޯއިސްއާއި ސްޕޯޓްސް ކްލަބް ގުޑީސްއާއި ފޮނަދޫ ޒުވާނުންގެ ރޫހްއާއި ޕޮލިސް އަދި މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

ލީގް އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީއަށްދާ ގޮތަށް ކުޅޭ އެ މުބަރާތުގެ ފައިންލް މެޗް ކުޅެވޭނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ކުޅުން ކުރިއަށް ދާނީ މެންދުރާއި ހަވީރު އަދި ރޭގަނޑު ކަމަށް ވޮލީ ބޯލް އެސޯސިއޭޝަނުން ބުނެ އެވެ.

މުބާރާތް ހޮޅުވުމުގެ ގޮތުން އިއްޔެ މެންދުރު ކުޅުނު މެޗް އިހަވަންދޫ ކްލަބް ޕޯލް ސްޓާ ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ގުޑީޒްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗްގެ ސެޓްތައް ޕޯލް ސްޓާ ގެންދިޔައީ 25-21 ، 25-16 އަދި 25-13 ނެވެ. އެ މެޗްގެ މޮޅު ކުޅުންތެރިއަކީ ޕޯލް ސްޓާގެ ބިދޭސީ ކުޅުންތެރިޔާ ބުއަލީ ޖެރޮންސްރީ އެވެ.

ގައުމީ ވޮލީ ބޯޅާ މުބާރާތުގައި އިއްޔެ ހަވީރު ދިއްދޫ އާއި ފޮނަދޫ ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ:ވީއޭއެމް

އިއްޔެ ހަވީރު ދިއްދޫ ޓީނޭޖް ބޯއީޒް ސްޕޯޓްސް ކްލަބް މެޗު ކާމިޔާބުކުރީ ލ. ފޮނަދޫ ޒުވާނުންގެ ރޫޙާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް ޓީނޭޖް ބޯއީޒް ސްޕޯޓްސް ކްލަބް ގެންދިޔައީ 25-11، 25-17 އަދި 25-19 ނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ ދިއްދޫ ޓީނޭޖް ބޯއީޒް ސްޕޯޓްސް ކްލަބްގެ ޢާއިޝަތު މާޖިދާ އެވެ.

ރޭ ކުޅުނު ފަހު މެޗްގައި ޕޮލިސް ކުލަބް މެޗް ކާމިޔާބް ކުރީ، މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށް ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް ޕޮލިސް ކުލަބް ގެންދިޔައީ 25-5، 25-8، އަދި 25-11 ނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ، ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާ އެވެ.

އެ މުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ، ނައިފަރު ޖުވެނައިލްއާއި ގުޑީސް ސްޕޯޓްސް ކުލަބް އެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ، ކުލަބް ޕޯލް ސްޓާރއާއި މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.