ބުރުންޑީ (ނޮވެމްބަރު. 8) -- ބުރުންޑީގެ ވެރިރަށް ބުޖުމްބުރާގައި ހަޅުތާލު ކުރާ ފަރާތްތަކާމެދު "ހަރުކަށި" ފިޔަވަޅު އަޅާނެ ކަމަށް ބުރުންޑީގެ ސަރުކާރުން އިންޒާރު ދިނުމުން އެ ރަށުގެ ރައްޔިތުން ރަށް ދޫކޮށް ދާން ފަށައިފި އެވެ.

ބުރުންޑީގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ހަޅުތާލު ކުރަން ފެށީ ބުރުންޑީގެ މިހާރުގެ ރައީސް ޕިއޭރު އެންކުރުންޒީޒާ ތިން ވަނަ ދައުރަކަށް ރައީސްގެ މަގާމަށް ވާދަކުރުމަށް މި އަހަރުގެ އޭޕްރީލް މަހުގައި ނިންމެވުމުންނެވެ.

ހަޅުތާލު ކުރަމުންދާ ރައްޔިތުންގެ އަތުގައި ހުރި ގާނޫނާ ޚިލާފަށް ހޯދާފައިވާ ހަތިޔާރު ރައްދުކުރުމަށް ރައީސް އެންކުރުންޒީޒާ ވަނީ ހޮނިހިރު ދުވަހާ ހަމައަށް މުހުލަތު ދެއްވައިފަ އެވެ. އޭގެ ފަހުން އެ ފަދަ ހަތިޔާރު ގެންގުޅޭ މީހުންނާ މެދު ފިޔަވަޅު އަޅާނީ "ގައުމުގެ ދުޝްމަނުންގެ" ގޮތުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ތިން ވަނަ ފަހަރަށް ރައީސް ކަމަށް ކުރިމަތި ލައްވަނީ އެ ބޭފުޅާ ރައީސް ކަމުގައި ހުންނެވި ފުރަތަމަ ދައުރަކީ ރައްޔިތުންގެ މަޖިލީހުން ހޮވައިގެން ހުންނެވި ދައުރެއް ކަމުން، އެ ދައުރު ގާނޫނު އަސާސީގެ ދަށުން ދައުރެއްގެ ގޮތުގައި ނުބެލެވޭނެތީ ކަމަށް ރައީސް އެންކުރުންޒީޒާ ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ ޖުލައި މަހު ބޭއްވި އިންތިހާބުން އެންކުރުންޒީޒާ ރައީސް ކަމަށް ހޮވި ވަޑައިގަތީ 70 ޕަސެންޓް ރައްޔިތުންގެ ވޯޓުންނެވެ.

އޭޕްރީލްގައި ފެށުނު ހަމަނުޖެހުންތަކުގެ ސަބަބުން މިހާތަނަށް 200 މީހުން މަރުވެފައިވެ އެވެ.

ހަޅުތާލުކުރާ ފަރާތްތަކުގެ ހަތިޔާރު އަތުލާނެ ކަމަށް ސަރުކާރުން ބުނި ފަހުން ބުރުންޑީގައި މީހުން މެރުން ވަނީ އާންމު ވެފަ އެވެ.

އަލިފް ދާލުގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވަނީ ބުރުންޑީގައި ހިންގަމުންދާ ގަތުލްއާންމުތައް ކުށްވެރި ކުރައްވާފަ އެވެ.

އަލިފްދާލުން ބުރުންޑީގެ މައްސަލައަށް ސުލްހަ ވެރި ނިންމުމެއް ގެންނާނެ ގޮތަކާ މެދު ވާހަކަ ދެއްކުމަށް ހޯމަ ދުވަހު ބައްދަލުވުމެއް ބާއްވާނެ އެވެ.

މައުލޫމާތު: ބީބީސީ