ބުރުޒުމަގުގައި ހުރި ފިހާރައެއް ރޭ ދަންވަރު ފަޅާލައި 40 ހާހަށް ވުރެ ގިނަ ރުފިޔާ ބަޔަކު ވަގަށް ނަގައިފި އެވެ.
ރޭ ދަންވަރު ފަޅާލާފައި ވަނީ ބުރުޒުމަގު، ސިނަމާލެ ފްލެޓް ކައިރީ ހުންނަ ވިންޓަމާޓް ނަމަކަށް ކިޔާ ފިހާރަ އެކެވެ.

ވިންޓަމާޓް ފިހާރައިގެ މެނޭޖަރ އަލީ ޖަބީން ބުނި ގޮތުގައި ރޭ ފިހާރަ ފަޅާލައިގެން ގާތްގަނޑަކަށް 49000 ރުފިޔާ ވަނީ ވަގަށް ގެންގޮސްފަ އެވެ. އެއީ 23،600ރ. އާއި 1634 ޑޮލަރު ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ ސިނގިރޭޓް ވެސް ވަގަށް ނަގާފައިވާ ކަމަށް ޖަބީން ބުންޏެވެ.

ޖަބީން ބުނީ އެ ފައިސާ އަކީ އެ ފިހާރައިގައި މަސައްކަތް ކުރާ 12 މުވައްޒަފުންނަށް މުސާރަ ދިނުމަށް ބަހައްޓާފައި ހުރި ފައިސާ ކަމަށެވެ.

"ފިހާރަ އަށް ވަދެފައި ހުރީ މެއިން ދޮރުގެ ތަޅު ހަލާކުކޮށްލައިގެން. ހީވަނީ ފައިންޖަހާ ހަލާކުކޮށްލާފައި ހުރިހެން،" ޖަބީން ބުންޏެވެ.

ޖަބީން ބުނީ ރޭގޭ 2:10 އާއި 2:30 އާ ދޭތެރޭ ފިހާރަ އަށް ވަދެފައި ވަނީ ދެ މީހަކު ކަމަށް މަންޒަރުދުށް މީހުން ބުނާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ހުރީ ހަމައެކަނި ބޮކްސާ ކޮޅު އެކަނި ލައިގެން ކަމަށާއި އަދި އަނެއް މީހާ ހުރީ ބޯދިގުކޮށް، ސްކިނީ ޖިންސަކާ ފެހި ކުލައިގެ އަތް ދިގު ގަމީހެއް ލައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
ޖަބީން ބުނީ އެކަން ކުރި ކަމަށް ޝައްކު ކުރެވެނީ ފްލެޓް ތެރޭ އުޅޭ ގްރޫޕަކުން ކަމަށާއި މީގެ ދެ މަހެއްހާ ދުވަސް ކުރިން ވެސް ފްލެޓް ތެރޭގައި އުޅޭ ގްރޫޕަކުން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށެވެ. ނަމަވެސް އެ ފަހަރު އެހިސާބު މީހުން ނުކުތުމުން ވައްކަން ކުރަން ދިޔަ މީހުން ފިލީ ކަމަށް ވެސް ޖަބީން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

ނަމަވެސް ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ ބަޔަކު ހައްޔަރު ކޮށްފަ އެވެ.