08 Nov 2015, 10:50
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާއެކު ކުޑަ ހަތަރު ކުއްޖަކު ކ. މާފުށިން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި މިދިޔަ ހުކުރު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 13 އަހަރާއި 16 އަހަރާ ދެމެދުގެ ހަތަރު ކުދިން ކަމަށެވެ.
ފުލުހުން ބުނީ އެ ހަތަރު ކުދިން ތިބި ތަނުން މަސްތުވާތަކެތި ފެނިފައިވާ އިރު އެކުދިންގެ ކުޑަކަމުދާތަކެތި ޓެސްޓްކުރިިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"މިހަތަރު ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެކުދިންނާއި އެކުދިން އެވަގުތު ތިބި ތަން ބަލައިފާސްކުރި އިރު އެކުދިން ތިބި ޖޯލިފަތި ދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެ." ފުލުހުން ބުންޏެވެ.
އެހަތަުރު ކުދިންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެކުދިން 10 ދުވަސްވަންދެން ގޭ ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.