08 Nov 2015, 10:11
މޮސްކޯ (ނޮވެމްބަރު 8) : މިސްރުގެ ސައިނާއަށް ވެއްޓުނު ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓުގެ ކަޅުފޮށީގެ ތަހްލީލުތަކުން އެބޯޓުން ގަދައަޑުފައްގަނޑެއް އިވި ޖައްވުގައި އެބޯޓު ދެފަޅިއަށް ފަޅައިގެން ދިޔަކަން ހާމަވާ ކަމަށް މިޙާދިސާ ތަހްގީގްކުރާ ބައިނަލްއަގްވާމީ ތަޖްރިބާކާރުންގެ ޓީމުން ބުނެފި އެވެ.
މިޓީމުގެ ވެރިޔާ މިސްރުގެ ތަޖްރިބާކާރެއް ކަމަށްވާ އައިމަން އަލްމުގައްދަމް ވިދާޅުވީ ރަޝިޔާގެ ބޯޓު ޖައްވުގައި ދެފަޅިއަށް ފަޅައިގެން ދިޔައީ އޮޓޯ ޕައިލެޓްގައި ދަތުރުކުރަމުން ގެންދަނިކޮށް ކަމުގަ އެވެ. ދެފަޅިއަށް ފަޅައިގެން ދިޔައީ އެބޯޓުގެ އެތެރޭގައި ބޮމެއް ގޮވައިގެން ނޫނީ ބޭރުން އައި ރޮކެޓެއް އެބޯޓަށް އަރައިގެންކަން ސާފުކުރުމަށް ކަޅުފޮށީގެ އިތުރު ތަހްލީލުތައް ބޭނުންވާނެ ކަމަށާ އެކަންގެންދަނީ ކުރަމުންކަމަށް އައިމަން ވިދާޅުވި އެވެ. ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ސައިނާއަށް ވެއްޓުނީ ޝަރްމުއްޝައިޚް އެއަރޕޯޓުން ފުރައިގެން ރަޝިޔާގެ ސެންޕީޓާސްގާބް އަށް ދަތުރު ކުރަމުން ދަނިކޮށް މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ.
އެބޯޓު ވެއްޓުނީ އެބޯތުގެ އެތެރޭގައި ބޮމެއް ގޮވައިގެން ކަމަށް ބެލެވޭ ކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާތަކުން ބުނެފައިވެ އެވެ. އެބޯޓުން ދަތުކުރި 224 މީހުން ވަނީ މިޙާދިސާގައި މަރުވެފަ އެވެ. މިހާދިސާއަށް ފަހު ރަޝިޔާ އިން ވަނީ އެގައުމުގެ ހުރިހާ އެއަލައިންތަކަކުން މިސްރަށް ކުރަމުން ގެންދިޔަ ވައިގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފަ އެވެ. މިއާއެކު ޝަރްމުއްޝައިޚްގައި ތިބި ރަޝިޔާގެ 24 ހާސް ފަތުރުވެރިން ވަނީ އެރެސޯޓްގައި ތާށިވެފަ އެވެ. ނަމަވެސް މަރްހަލާތަކަކަށް ބަހާލައިގެން މިއެންމެ ރަޝިޔާއަށް ގެނައުމާ ބެހޭ ގޮތުން މިސްރާއި ރަޝިޔާގެ ސަރުކާރު މިހާރު ގެންދަނީ މަޝްވަރާ ކުރަމުންނެވެ.
ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ވައްޓާލުމުގެ ޒިންމާ އުފުލާފައި ވަނީ ސޫރިޔާއާއި އިރާގުގެ ބޮޑުބައެއް ހިފައިގެންއުޅޭ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުންނެވެ. (ރޮއިޓާސް)