އަސްކަރީ ވެރިކަމެއް އޮންނަތާ 25 އަހަރަށް ފަހު މިޔަންމާގެ އެންމެ ފުރަތަމަ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލިސް އިންތިހާބު ފަށައިފި އެވެ.

އިންތިހާބުގައި ވާދަ ކުރާ ޕާޓީ ތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި މިހާރު އަސްކަރީ ވެރިކަމެއް ކުރަމުންދާ ޔޫނިއަން ސޮލިޑާރިޓީ ޑެވެލޮޕްމެންޓު ޕާޓީ (ޔޫއެސްޑީޕީ) އާއި އަންގް ސަން ސޫކީ ގެ ނެޝްނަލް ލީގް އޮފް ޑިމޮކްރަސީ (އެންއެލްޑީ) ހިމެނެ އެވެ.

އެންއެލްޑީއަށް މި އިންތިހާބުގައި ކުރި ލިބުމުގެ ފުރުސަތު ބޮޑުވި ކަމުގައި ވިޔަސް އަންގް ސަން ސޫކީ ރައީސްގެ މަގާމަށް އައުމަކީ މިޔަންމާގެ ގާނޫނު އަސާސީގެ ދަށުން މަނާކަމެކެވެ. މިޔަންމާގެ ގާނޫނު އަސާސީގައިވާ ގޮތުން ގައުމުގެ އިސް ވެރިއަކަށް ހުންނަ ބޭފޫޅެއްގެ ދަރިންނަކީ ބޭރު ގައުމަކަށް ނިސްބަތްވާ ބޭފުޅުން ކަމުގައި ވެގެން ނުވާނެ އެވެ. ސޫކީގެ ދެ ދަރިންކަލުންނަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

މިކަމާ ބެހޭ ގޮތުން އަންގް ސަން ސޫކީ ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ގޮތުގައި އެންއެލްޑީއަށް މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރެވިއްޖެއްޔާ އެކަމަނާ އިންނަވާނީ ރައީސަށް ވުރެ އިސްކޮށް ކަމަށެވެ.

ވޯޓު ލުމުހުގެ ހައްގު ލިބިގެންވާ 30 މިލިއަން ވަރަކަށް މީހުން މިޔަންމާގައި ދިރިއުޅެ އެވެ.

އިންތިހާބުގެ ނަތިޖާ އެނގިގެންދާނީ ހޯމަ ދުވަހު އެވެ.

"އިންތިހާބުގެ ނަތީޖާ އިން ހޮވޭ ސަރުކާރެއް އަޅުގަނޑު ގަބޫލު ކުރާނަން،" މިޔަންމާގެ މިހާރުގެ ރައީސް ތެއިން ސެއިން ވިދާޅުވެފައިވެ އެވެ.

މިޔަންމާގެ މިހާރުގެ އިންތިހާބުގައި 6000 އަށް ވުރެ ގިނަ ކެނޑިޑޭޓުން 90 ޕާޓީއަކުން މިޔަންމާގެ ރައްޔިތުންގެ މަޖީލީހުގެ 664 ގޮނޑިއަށް ވާދަކުރެ އެވެ. ނަމަވެސް މަޖިލީހުގެ 25 އިންސައްތަ މިހާރު ވެސް ވަނީ އަސްކަރިއްޔާގެ ރެޕްރެޒެންޓޭޓިވްސް އަށް އިންތިހާބަކާއި ނުލައި ދީފަ އެވެ. އަސްކަރީ ފަރާތްތަކުން ތާއިދު ކުރާނެ ކަމަށް ބެލެވެނީ ވެރިކަން ކުރާ ޔޫއެސްޑީޕީ އަށެވެ.

މައުލޫމާތޫ: ބީބީސީ