08 Nov 2015, 09:04
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗްތަކުގެ ތެރޭން އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ސްޓޯކް ސިޓީ އަތްދަށުވިއިރު ވާދަވެރި މެންޗަސްޓާ ޔުނައިޓެޑް 0-2 ގެ ނަތީޖާއަކުން ވެސްޓްބްރޮމް އަތުން މޮޅުވެއްޖެއެވެ.
މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ އެންމެ ފަހުގެ ލީގު ޗެމްޕިއަން ޗެލްސީ ރޭ ސްޓޯކް ސިޓީގެ ދަނޑުގައި ބަލިވީ މާކޯ އާނައުޓަވިޗް ޖެހި ގޯލުން 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވުމުން ޗެލްސީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެ ތާވަލުގެ 16 ވަނައަށް ވެއްޓި ކޯޗް ހޯޒޭ މޮރީނިއޯއަށް ނުތަނަވަސް ކަން ވެރިވެފައެވެ.

ސްޓޯކް ސިޓީގެ ކުޅުންތެރިން އަތުން ބޯޅަ ހޯދުމަށް ޗެލްސީގެ ނިމެންޖާ މަޓިޗް ޓެކުލް ކުރާއިރު ކެޕްޓަން ޓެރީ ފަހުތުގައި --- ފޮޓޯ:އޭޕީ
ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ކާމިޔާބުނުކުރެވުނު ނަމަވެސް، އެ ޓީމްގެ އެންތަނީ މާޝިއަލް ފޮނުވާލި ހަމަލާ ވެސްޓް ބްރޮމް ކީޕަރު ބޮއަޒް މައިހިލް ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފްގެ ކުރީކޮޅު އެޓީމުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ގޯލް މެޗުގެ 52 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ލިންގާޑްއެވެ. މިއީ ލިންގާޑް ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލްވެސް މެއެވެ.
ޔުނައިޓެޑްގެ ގޯލަށްފަހު، މެޗުގެ 73 ވަނަ މިނެޓްގައި ވެސްޓްބްރޮމްގެ ފޯވާޑް ބެރަހީނޯއަށް ވަނީ ނަތީޖާ އެއްވަރުކޮށްލާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ.

މެންޗެސްޓާ ޔުނައިޓެޑް ގެ ފުރަތަމަ ލަނޑު ލިންގާޑް ކާމިޔާބް ކޮށްދިނުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ:އޭޕީ
މި މެޗުން ޔުނައިޓެޑަށް ލީޑް ފުޅާ ކޮށްދިން ގޯލް މެޗުގެ 90 ވަނަ މިނެޓްގައި، އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ހުއާން މާޓާއެވެ.
މި މޮޅާއެކު ޔުނައިޓެޑް އޮތީ، 24 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި 25 ޕޮއިންޓާއެކީ އެކީ މެންޗެސްޓާ ސިޓީ އޮތްއިރު، ލީގުގެ ދެވަނައިގައި އޮތް އާސެނަލް އަދި ތިންވަނައިގައި އޮތް، ލެސްޓަ ސިޓީއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ. ރޭ ޔުނައިޓެޑް އަތުން ބަލިވި ވެސްޓްބްރޮމް އޮތީ 14 ޕޮއިންޓާއެކީ ލީގުގެ 12 ވަނައިގައެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ނިއުކާސަލް 1-0 އިން ބޯންމައުތު ބަލިކުރިއިރު، ނޯވިޗް ވަނީ 1-0 އިން ސްވަންސީ ސިޓީގެ މައްޗަށް ކުރިހޯދައިފަ އެވެ. ސަންޑަލެންޑް އަތުން 1-0 އިން ސައުތެމްޓަން މޮޅުވިއިރު، ވެސްޓް ހޭމް އާއި އެވަޓަންގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.