ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީއާއި، އަތޮޅާއި އަދި ރަށު ކައުންސިލްތަކަށް ހޮވިވަޑައިގެންފައިވާ ކައުންސިލަރުން ތަމްރީނު ކުރުމަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް އެމްޑީޕީން އެ ޕާޓީގެ ކައުންސިލަރުންނަށް އަންގައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ސޮއިކުރައްވައި އެ ޕާޓީން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކައުންސިލަރުން ތަމްރީން ކުރުމުގެ ނަމުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް ބައެއް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެ ޕާޓީގެ ކައުންސިލަރުންގެ ކިބައިން އެދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހުރިހާ ކައުންސިލަރުން ވެސް ރަސްމީ ހައިސިއްޔަތުން މުއާމަލާތްކޮށް، ޖަވާބު ދާރީވާން ޖެހޭނީ ސަރުކާރަށް އެކަނި ކަމުގައި އެ ބަޔާނުގައިވެ އެވެ.

ޕާޓީގެ ކައުންސިލަރުން ތަމްރީން ކުރާނީ އެމްޑީޕީން ނުވަތަ އެ ޕާޓީ މެދުވެރިވެގެން އެފަދަ ޕްރޮގްރާމްތައް ހިންގާ ފަރާތަކުން ކަމަށާއި އިދިކޮޅު ފަރާތްތަކުން ނުވަތަ އެ ފަރާތްތަކާ ގުޅިފައިވާ ފަރާތްތަކަކުން ނޫން ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ އެ ބަޔާނުގައި އިތުރަށް ސިފަކޮށްފައި ވަނީ އެއީ ފިތުނަ އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތެއް ކަމަށާއި އެފަދަ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ޕާޓީގެ އެންމެހާ ކައުންސިލަރުންނަށް އެމްޑީޕީން އަންގާ ކަމަށެވެ.

މި އަހަރު ފެބްރުއަރީ،5، 2011 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި އިންތިހާބްވި ޑީއާރުޕީގެ ކައުންސިލަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް އެ ޕާޓީން ވަނީ ފަށައިފަ އެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކުން ދަނީ އެފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.