08 Nov 2015, 09:31
ކުއްލި ނުރައްކަލޭ ބުނެފި ނަމަ އިހުސާސް ވަނީ މީގެ އަހަރުތަކެއް ކުރިން ކުރެވުނު އިހުސާސްތަކެކެވެ. ވަކި ވަގުތަކަށް މެނުވީ ގެއިން ބޭރަށް ނުނިކުމެވެ އެވެ. އެއަށް ފަހު މިއަދު އަނެއްކާ ވެސް މިވަނީ "ސްޓޭޓް އޮފް އެމަޖެންސީ" ރާއްޖޭގައި އިއުލާނުކޮށްފަ އެވެ. ނަމަވެސް އަދުގެ ހާލަތު މުޅިން ތަފާތެވެ. އެކަމުން މާ ދެރަވަރުގެ އިހުސާސެއް ދިވެހިންނަށް ނުކުރެވޭކަހަލަ އެވެ. އާންމު ދިރިއުޅުން ބައްޓަންވެފައިވާ ގޮތަށް އަދިވެސް ކަންކަން ކުރިއަށްދެ އެވެ. އެއްވެސް ކަމަކަށް ދަތިކަމެއް ނެތި އެވެ. ނަމަވެސް ރާއްޖެ އިން ބޭރުގެ މީހުންނަށް އެކަން ސިފަވަނީ އެހެން ގޮތަކަށެވެ. ޓޫރިސްޓުންނަށް ސިފަވަނީ އެހެން ގޮތަކަށެވެ. އުދުވާނީ ހަމަލާތައް އާންމުވެފައިވާ ތަނެއްގެ ގޮތުގަ އެވެ. ނުރައްކާތެރިތަނެއްގެ ގޮތުގަ އެވެ. އޭގެ ސަބަބުން އެމީހުން މިހާރު ތިބީ މި "ހުދު ފަސްކޮޅުގައި" ފައި ޖައްސާލަން ވެސް ބިރުގަނެފަ އެވެ.
މިއަދު ރާއްޖޭގައި މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ވިޔަސް، ސައި ހޮޓަލަކުން ވިޔަސް، ފެރީ މަތީގައި ވިޔަސް އެއްވާހަކަ އެކެވެ. މިކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ނުރައްކާވެދާނެ އެވެ. އެމީހުން މިތަނަށް އަންނަން ބޭނުން ވެގެން އައިސްދާނެބާ އެވެ؟ މިއީ މިއަދު އެންމެ ބާރަށް ދެކެވޭ އެއް ވާހަކަ އެވެ. މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ "ހައި ސީޒަން" އެވެ. ކޮންމެ އަހަރަކު ވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް އަންނަނީ ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީގަ އެވެ.
ރާއްޖޭގެ އިގްތިޞާދުގެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާކަން މިއީ އެއްވެސް މީހަކު ދެކޮޅު ނުހަދާނެ ހަގީގަތެކެވެ. ރާއްޖެ ޓޫރިސްޓުންގެ މަގުބޫލު މަންޒިލަކަށް ވެފައިވާ ސަބަބުތައް ވަރަށް ގިނަ އެވެ. ދޮންވެލި ރީތި ގޮނޑުދޮށެއް އޮވެފައި، ފަރުތަކުގެ ގުދުރަތީ ރީތިކަމަކީ ފަތުރުވެރިންގެ ހިތް ދަމައިގަންނަ ސިފަތަކެވެ. ބުރަ މަސައްކަތުގައި އުޅުމަށް ފަހު، ރައްޓެހިންނާ އެކު ނުވަތަ ލޯބިވެރިޔާ އާ އެކު "ހަނީމޫން ޑެސްޓިނޭޝަން" އަކަށް ރާއްޖެ އިހުތިޔާރު ކުރަނީ، މިތަނުގެ މީހުންގެ އެއްބައިވަންތަކަމާއި ހިތްހެޔޮކަމުންނެވެ. މިއީ މިނިވަން، އެއްވެސް ނުރައްކަލެއް ނެތް ގައުމަކަށް މި ރާއްޖެ ވީމަ އެވެ.
ނަމަވެސް އުދުވާނީ ހަމަލާގެ މަންޒިލަކަށް ނުވަތަ އަމިއްލަ ނަފްސަށް އެއްވެސް ރައްކާތެރިކަމެއް ނެތް ތާކަށް ދާން ބޭނުންވާނީ ކާކު ހެއްޔެވެ؟ ކުއްލި ނުރައްކަލުގެ އަސްލު ހާލަތު ލޮލުން ދެކެފައި ތިބި ބަޔަކު އުފާކޮއްލަން އަންނަން އޮތް ތަނުގައި މިއޮތީ "ކުއްލި ނުރައްކަލުގެ ހާލަތު" އިއުލާނުކޮށްފަ އެވެ. މީގެ ސަބަބުން ހައި ސީޒަނުގައި ރާއްޖެއަށް ހައްދާފައި ހުރި އެތައް ބުކިންތަކެއް ދަނީ ކެންސަލް ކުރަމުންނެވެ. ރިސޯޓް ތަކަށާއި ހާއްސަކޮށް އަތޮޅުތަކުގައި ކުރިއަރަމުން އަންނަ ޓޫރިޒަމް ވިޔަފާރި ކަމަށްވާ، ގެސްޓްހައުސްތަކުން ދަނީ ދަތިތަކާ ކުރިމަތިލަމުންނެވެ.
"ބުކިން ކެންސަލްތައް އަންނާނެ އަބަދު ވެސް. އެއީ އާންމުކަމެއް، ވޭތުވެދިޔަ ދެތިން ދުވަހު ހަމަ ކުއްލިއަކަށް ގާތްގަނޑަކަށް ހުރިހާ ބުކިން އެއް ކެންސަލްވީކަމަށް އައީ. ދެން ސަބަބެއް ކަމަށް ގިނަ މީހުން ހަމަ ބުނޭ އެބަ ކުއްލި ނުރައްކަލުގެ ހާލަތާހުރެ ކަމަށް. އެހެން ޑެސްޓިނޭޝަނެއް ނަގަން އެމީހުންނަށް މަޖުބޫރުވީ ކަމަށް،" ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުން އަންނަ، އއ. ތޮއްޑޫގެ ގެސްޓްހައުސް އެއްގެ ރިޒަވޭޝަން މެނޭޖަރު ބުންޏެވެ.
ގެސްޓްހައުސް އަކަށް ހެއްދި ބުކިންތަކެއް ކެންސަލް ކޮށްލާފައި
ހައި ސީޒަނަށް ގެސްޓްހައުސް ތަކުން އައީ ފުރިހަމަ ތައްޔާރީތަކެއް ވަމުންނެވެ. ގެސްޓުން ހިތް އުފާކޮށްދިނުމަށް ބޮޑު ހަރަދުތަކެއް ކޮށް ގިނަ ތައްޔާރީތަކެއްވި އެވެ. ނަމަވެސް އަތޮޅުތެރޭގެ ގިނަ ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންޓުން ތިބީ މާޔޫސްވެފަ އެވެ. "މިނިވަން އުފާވެރި މާހައުލު އެހެންގޮތަކަށް ރާއްޖޭން ބޭރުގައި އިޝްތިހާރުވާތީ" އެވެ. އެމީހުންގެ ވިޔަފާރިއަށް ފައިދާއެއް ހޯދެން އޮތް ދަނޑިވަޅުގައި އެކަން ވާނެ އެއްވެސް ގޮތެއް ނެތުމުންނެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އާންމުކުރި ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަނަށް ވެސް، އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ރިޕޯޓްތައް ކުރާ ކަމަށެވެ. އެގޮތުން ރިސޯޓްތަކާއި ގެސްޓުހައުސްތަކުން ވެސް ޝަކުވާ ހުށަހަޅާކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
"ނަމަވެސް މިހާރު ކަންތައްތައް ދާ ގޮތުން ފަތުރުވެރިންނަށް ރާއްޖޭގައި އުޅުމުގައި އެއްވެސް ނުރައްކަލެއް ނެތް. އެމީހުންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން އޮތްކަން މި އެސޯސިއޭޝަނުން ޔަގީންކޮށްދެން،" މަޓާޓޯގެ ބަޔާނުގައިވެ އެވެ.
ގެސްޓްހައުސް ވިޔަފާރި އެންމެ ކުރިއަރާފައިވާ އެއް ރަށްކަމަށްވާ ކ. މާފުށީގެ ގެސްޓްހައުސް އެއްގެ އޯނަރު "ސަން" އަށް ބުނީ، ނޮވެމްބަރު އަދި ޑިސެމްބަރު މަހަށް ހައްދާފައި ހުރި ގިނަ ބުކިންތަކެއް ކެންސަލްކޮށްލާފައިވާ ކަމަށެވެ. ސަބަބަކީ ކުއްލި ހާލަތުކަމަށް އޭނާ އަށް ބުނަން މަޖުބޫރުވީ "ގެސްޓުންގެ ދުލުން އެހެން ބުނީމަ" ކަމަށް އޭނާ ބުންޏެވެ.
ވޭތުވެ ދިޔަ ތިން އަހަރު ވެސް އާ އަހަރުގެ ސީޒަނާ ދިމާކޮށް އާއިލާއާ އެކު ރާއްޖެއަށް އަންނަ ރަޝިއާގެ ރައްޔިތަކާ ވާހަކަ ދައްކާލީމެވެ. ބުކިން ހައްދާފައި ކެންސަލްކޮށްލަނީ ކީއްވެކަން އޭނާއާ ސުވާލުކޮށްލުމުން ބުނީ، ރާއްޖެއަކީ އެހާ ރައްކާތެރިތަނެއް ކަމަށް އޭނާ އަށް މިހާރު ގަބޫލުނުކުރެވޭ ކަމަށެވެ. ސްޓޭޓް އޮފް އެމަޖެންސީގައި އޮތް ގަނޑުވަރަކަށް ވެސް އޭނާއާއި އޭނާގެ އާއިލާ އަދި ރައްޓެއްސެއް ވެސް ވަނަ ނުދޭނެ ކަމަށް ރަޝިއާ މީހާ ބުންޏެވެ.
"ވަރަށް ބޮޑަށް މައާފަށް އެދެން ދިމާވެދާނެ ދަތިތަކަށް. އެހެން ނަމަވެސް އަހަރެމެންނަށް ހަބަރު ލިބޭ ގޮތުގައި ރާއްޖޭގައި މިހާރު އޮތީ ސްޓޭޓް އޮފް އެމަޖެންސީ އިއުލާނުކޮށްފައި. ވަރަށް ދާން ބޭނުންވޭ އާއިލާއާ އެކު ޗުއްޓީ ހޭދަ ކޮއްލަން ރާއްޖެ އަށް. ވޭތުވެ ދިޔަ ތިން އަހަރު ރާއްޖޭގައި އަހަރެން ކުރި ތަޖުރިބާ އަކީ ހަނދާނުން ނުފިލާނެ އުފާވެރި ވަގުތުތަކެއް. ނަމަވެސް މިހާރު ބޮން ގޮއްވާކަމަށް ވާހަދައްކާ އަޑު އިވޭ. އެހެންވީމާ މިފަހަރު ޓްރިޕް ކެންސަލް ކޮށްލީ. ރައްކާތެރިކަން ޔަގީން ވީމަ އަލުން ބައްދަލުވާނެ ކަމަށް އުންމީދު ކުރަން. ދެއްވި ހުރިހާ އެއްބާރުލުމަށް ވަރަށް ޝުކުރު،" މިއީ އާއިލާއާ އެކު ރާއްޖެއަށް އަންނަން އުޅުނު ރަޝިއާ ރައްޔިތަކު ބުކިން ކެންސަލް ކޮށްލުމަށް ފަހު، ކެންސަލްކޮށްލި ސަބަބެއް ކަމަށް ބުނި ވާހަކަ އެވެ.
މިގޮތަށް ކަންތައް ވުމުން ގެއްލުން ވަނީ ހަމައެކަނި ރިސޯޓްތަކާއި ގެސްޓްހައުސްތަކަކަށް ނޫނެވެ. ގެސްޓްހައުސް ހިންގާ ރަށްރަށުގެ ރައްޔިތުން އަންނަނީ ރަނގަޅު ނަފާއެއް އެމީހުންގެ އުފެއްދުންތެރިކަމުން ހޯދަމުންނެވެ. މާލެއަށް ބަލައިލާނަ ދަތުރުވެރިންގެ މާރުކޭޓު އަދި ސުވެނިއާ ފިހާރަތަކުން ޓޫރިސްޓުން ގިނައިން ވިޔަފާރިކުރެ އެވެ. ނަމަވެސް ފަތުރުވެރިން އަންނަ އަދަދު، ޓުރެވަލް އެޖެންސީތައް ވެސް ސިހޭނަމަ އެއިން އާންމު ރައްޔިތުންނަށް ވެސް ގެއްލުމެވެ. އޭގެ އިތުރުން ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެންހުރި އެތަކެއް ފައިސާއެއް ވެސް މިކަމުގެ ސަބަބުން ގެއްލިގެން ދަނީ އެވެ.
މިވާހަކަތައް ކިތަންމެ ވަރަކަށް ވެސް ދެއްކިދާނެ އެވެ. ނަމަވެސް ޓޫރިސްޓު ގެސްޓްހައުސްތަކަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ އެވެ؟ ފަތުރުވެރިންގެ ހިތްތަކުގައި އުފެދުނު ބިރުވެރިކަން ފިލުވާލަން އެބަ ޖެހެ އެވެ. އެމީހުން ރާއްޖެއަށް އަންނަ ވަރު ކުރަން އެބަ ޖެހެ އެވެ. އެއީ ރާއްޖޭގެ އިގްތިސޯދެވެ. ދިވެހިންގެ ދިރިއުޅުމެވެ. ގައުމުގައިވީ އެންމެ އަވަހަކަށް އަމަންއަމާންކަން ގާއިމުކޮށް ކުއްލި ނުރައްކަލުގެ ހާލަތުވީ އެންމެ އަވަހަކަށް އުވައިލާން އެބަޖެހެ އެވެ. އެނޫނީ، ހުރިހާ ދިމާލަކުން ވެސް ގެއްލުންއޮތީ މި ރާއްޖެއަށާއި މިރާއްޖޭގެ ރައްޔިތުންނަށެވެ.