07 Nov 2015, 18:39
ސަރުކާރުން ރާއްޖޭގެ އެއްވެސް މީޑިއާއަކަށް ހުރަހެއް ނާޅާނެ ކަމަށާއި ފާޑުކިޔުންތަކަށް އަބަދުވެސް ސަރުކާރު މަރުހަބާ ކިޔާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެެވެ.
ރާއްޖޭގެ މީޑިއާއަށް މިނިވަން އަމާން މާހައުލެއް ނެތްކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑުފަތުރަމުންދާ މި ދަނޑިވަޅާ ދިމާކޮށް މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނޫސްވެރިންނަށް ހުރަސް ނާޅާނެ ކަމަށެވެ. އަދި މީޑިއާތައް އިމުގެ ތެރޭގައި ބެލެއްހެއްޓުމަކީ މީޑިއާގެ ބެލެނިވެރި ފަރާތުގެ ޒިންމާއެއް ކަމަށާއި އެއީ ވަކި ވަގުތަކާއި ދިމާކޮށް ނޫސްބަޔާން ނެރެން ހުންނަ ތަންތަން ނޫން ކަމަށް މުއާޒު ވިދާޅުވި އެވެ.
"Mi sarukaarakun evves media akah huraheh naalhaane. Faadu kiyunthakah mi sarukaarun abadhuves maruhabaa kiyaane" -im
— Ibrahim Muaz Ali (@SpokespersonMV)November 7, 2015
"Sarukaarun gaboolukuraa gothugai, media ge beleniveri faraaiythakuge masooliyyathakah vaanvaany media thah imuge thereygai belehettun" -im
— Ibrahim Muaz Ali (@SpokespersonMV)November 7, 2015
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ ރާއްޖޭގެ އަމިއްލަ މީޑިއާއެއް ކަމަށްވާ ސަންގު ޓީވީއަށް ވަދެ ބަލައި ފާސްކޮށް އެތަނުގެ ހުރިހާ ހާޑު ޑިސްކުތަކެއް ގެންގޮސްފަ އެވެ. ފުލުހުން ބުނީ ސަންގު ޓީވީ ބަލައި ފާސްކުރީ ރައީސް ޔާމީނަށް އިންޒާރުދީ ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއަކާ ގުޅިގެން ކަމަށެވެ. އެ ވީޑީއޯ އަޕްލޯޑް ކުރީ ސަންގުޓީވީގެ ސިސްޓަމަކުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ނޫސްވެރިކަން ކުރުމަށް އަމާން މާހައުލެއް ނެތް ކަމަށް ބުނެ ރާއްޖެޓީވީގެ އާންމު ބްރޯޑްކާސްޓް ކުރުން އިއްޔެ ރެއިން ފެށިގެން ވަނީ ހުއްޓާލާފަ އެވެ. ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ އެޓީވީގެ މުވައްޒަފުންނާއި އެ ސްޓޭޝަންއަށް ރައްކާތެރިކަމެއް ނެތުމުން އެ ސުޓޭޝަން އިން އާންމު ބުރޮޑްކާސްޓް ކުރުން ހުއްޓާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އާންމު ބުރޮޑްކާސްޓް ކުރުން ހުއްޓާލުމުން އެއްވެސް ނިއުސް ގަޑިއެއް ނާންނާނެ. އަދި އެއްވެސް އިވެންޓެއް ލައިވްއެއް ނުކުރާނެ،" ފިޔާޒު ވިދާޅުވި އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ރޭ ވިދާޅުވީ މީޑިއާގެ ފަރާތްތަކަށް ގެއްލުން ދީ މީޑިއާއަށް ހުރަސްއަޅަން ފުލުހުން މަސައްކަތް ނުކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ނުކުރާނެ ކަމަށެވެ. އަދި މީޑިއާއަށް ހުރަސް އަޅާ ކަމަށް ބުނެ ފުލުހުން ބަދުނާމުކޮށް ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.