07 Nov 2015, 19:01
ސިންގަޕޫރު (ނޮވެމްބަރު 4): ޗައިނާ އާއި ޓައިވާނުގެ ރައީސުން ސިންގަޕޫރުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއީ ފާއިތުވި 60 އަހަރު ތެރޭގައި އެ ދެގައުމުގެ ލީޑަރުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ތާރީޚީ ބައްދަލުކުރެއްވުމެއްކަމަށް ދެ ގައުމުގެ މީޑިޔާއިން ވެސް ވަނީ ސިފަކޮށްފަ އެވެ. ޗައިނާގެ ދާޚިލީ ހަނގުރާމަ 1949 ގައި ނިމުމަކަށް އައިސް ޗައިނާގެ ސަރަހައްދެއް ކަމަށްވާ ޓައިވާނުގައި ފްރީޗައިނާގެ ނަމުގައި ދައުލަތެއް އުފެއްދުމަށްފަހު ކުޑަ ޗައިނާ (ޓައިވާން) އާއި ބޮޑުޗައިނާ (ކޮމިއުނިސްޓް ޗައިނާ)ގެ އެންމެ އިސްވެރިން މިއީ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ޝީޖިންޕިން އާއި ޓައިވާނުގެ ރައީސް މޮޔޮންގް ޖިއޮ ވަނީ ޓައިވާނާއި ޗައިނާއަކީ ވެރިކަމުގެ ދެ ނިޒާމު އޮންނަ އެއްގައުމު ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ޓައިވާނުގެ ރައީސް މޮޔޮންގް ޖިއޮ ވަނީ ޓައިވާނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި އިޢްލާން ކުރުމުގެ ވިސްނުން އޭނާގެ ސަރުކާރުން ނުގެންގުޅޭކަމުގެ މެސެޖް ޗައިނާގެ ރައީސް ޝީޖިންޕިން އަށް ދެއްވާފައެވެ.
މި ދެލީޑަރުން އެއްބަސްވެ ވަޑައިގެންނެވީ ޓައިވާން ކަނޑު އޮޅީގެ އެއްފަރާތުގައިވާ ޗައިނާއާއި އަނެއްފަރާތުގައިވާ ޓައިވާން (ކުޑަ ޗައިނާ) ގައި ވެސް ތިބީ ހަމަ ޗައިނާގެ ރައްޔިތުން ކަމަށާއި ޗައިނާގެ ރައްޔިތުންނަކީ އެމީހުންގެ ދާޚިލީ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ލިބިފައިވާ ބައެއް ކަމުގައެވެ. އަދި ޓައިވާނާއި ޗައިނާގެ މައްސަލައަކީ ބައިނަލްއަގްވާމީ މައްސަލައެއް ނޫން ކަމަށާ އެއީ ޗައިނާގެ ދާޚިލީ މައްސަލައެއް ކަމަށްވެސް އެދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވިއެވެ.
ދެބޭފުޅުން ސިންގަޕޫރުގައި ބައްދަލުކުރެއްވީ ޓައިވާން ކަނޑު އޮޅިއާމެދު ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމުގެ މަގްސަދުގައެވެ. ޓައިވާނަކީ 1949 ގައި ޗައިނާއަށް އައި ކޮމިއުނިސްޓް އިންގިލާބުގެ ކުރިން ޗައިނާގެ ވެރިކަމުގެ ދަށުގައި އޮތް ޗައިނާގެ ޖަޒީރާއެކެވެ މީގެއިތުރުން ޓައިވާނަކީ މިހާރުވެސް މިނިވަންކަން އިއްލާން ކޮށްފައިނުވާތީ އެއީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާއިން ދެކޭ ގައުމެކެވެ. އަދި ޓައިވާނުންވެސް ވަކި ދައުލަތެއްގެ ގޮތުގައި އެ ގައުމުގެ މިނިވަންކަން އިޢުލާންކޮށްފައެއް ނުވެއެވެ. ޓައިވާނުގެ ރަސްމީ ނަމަކީވެސް ރިޕަބްލިކް އޮފް ޗައިނާއެވެ.
ޓައިވާނުގައި ވަކި ވެރިކަމެއް އުފެދުނީ 1949 ގައި ޗައިނާއަށް އައި ކޮމިއުނިސްޓް އިންގިލާބާ އިދިކޮޅު ޗައިނާގެ އޭރުގެ ލީޑަރުން ފިއްލަވައިގެން ޓައިވާނަށް ވަޑައިގަތުމާ ގުޅިގެންނެވެ. ދެގައުމުގެ ވެސް ބަހަކީ ޗައިނާ ބަހެވެ. އަދި ނަސްލަކީވެސް ޗައިނާ ދަރިކޮޅެވެ. އެހެންކަމުން ދެގައުމުންވެސް ދެކެނީ އެއީ ޗައިނާގެ މައި ދައުލަތުގެ ތެރޭގައި ހިމެނޭ ދެ ނިޒާމެއް އޮންނަ ދެގައުމު ކަމުގައެވެ.
ޗައިނާ ކުރިން ގެންގުޅުނީ ބާރުގެ ބޭނުންކޮށްގެން ވެސް ޓައިވާން ޗައިނާގެ ދަށަށް ގެންދިޔުމުގެ ވިސްނުމެކެވެ. ނަމަވެސް ޗައިނާ މިހާރުވަނީ މިވިސްނުމާ ދުރަށްގޮސް ޓައިވާންއާ ގުޅުންތައް ބާއްވަން ފަށާފަ އެވެ. އަދި ޓައިވާނުންވެސް ޗައިނާއަށް ގޮންޖަހައި މިނިވަންކަން އިޢުލާން ނުކުރާނެކަމަށް ބުނެފައިވެއެވެ.
ޓައިވާނުން މިނިވަންކަން އިޢްލާން ކޮށްފިނަމަ އެއީ ޚިޔާނާތުގެ އަމަލެއްގެ ގޮތުގައި ބަލައި ޗައިނާއާ ޓައިވާން އެއްކޮށްލުމަށްޓަކައި ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ޗައިނާގެ ކުރީގެ ރައީސް ހޫޖިންޓާއި ގެ ވެރިކަމުގައި ދެއްވާފައިވެއެވެ. މިނިވަންކަން އިޢްލާން ކުރުމުގެ ފިކުރު ގެންގުޅޭ ޓައިވާނުގެ ސިޔާސީ ބައެއް ޖަމާއަތްތަކުން އެކަމަށް ކޭންޕޭން ކުރެއެވެ. ނަމަވެސް ޓައިވާންގެ ރައްޔިތުންގެ ތާއީދު މިކަމަށް ލިބިފައެއް ނުވެއެވެ. (ރޮއިޓާސް)