03 Apr 2011, 11:51
ފަހު ޒަމާނުގެ ރަސޫލެއް ކަމަށް ދައުވާ ކުރާ މީހަކު ރާއްޖެ އައިސްގެން އުޅޭ ކަމަށް ލިބުނު މައުލޫމާތެއް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.
ޑރ. މަޖީދު މިއަދު ވިދާޅުވީ ރަސޫލެއް ކަމަށް ދައުވާ ކުރާ މީހާއާ ބެހޭ ގޮތުން އެ މިނިސްޓްރީ އަށް ލިބިފައިވާ މައުލޫމާތެއް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށާއި އެ އެ މީހާއާ ބެހޭ އިތުރު ތަފްސީލުތަކެއް އަދި ފުލުހުން އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ.
"އެކަހަލަ ހަބަރެއް އަޅުގަނޑުމެންނަށް ލިބިގެން އަޅުގަނޑުމެން އޮންނާނެ ފުލުހުންނާ މައުލޫމާތު ހިއްސާކޮށްފައި. އެފަރާތުން އެކަން ބަލަމުންދަނީ،" ޑރ. މަޖީދު ވިދާޅުވި އެވެ.
ނަމަވެސް ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާލުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި އަދި އެފަދަ މައުލޫމާތެއް ވެސް ލިބިފައި ނުވާ ކަމަށެވެ.
ސަން އަށް މުހުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސޫލެއް ކަމަށް ދައުވާކޮށް، އެ ފިކުރު ދިވެހި މުޖުތަމައުމަށް ފެތުރުމަށް ރާއްޖެއައިސްގެން އުޅެނީ އިނގިރޭސީ ވިލާތުގައި ވަޒަންވެރިވެގެން އުޅޭ ޕާކިސްތާނު މީހެކެވެ. އަދި އޭނާއާ އެކު އަންހެނަކާއި އިތުރު ދެ ފިރިހެނަކު ރާއްޖެ އައިސްފައިވާ ކަމަށާއި އެ މީހުން ރާއްޖެ އައިސްފައި ވަނީ އޭނާ އަށް ތަބާވާ މަދު ދިވެއްސެއްގެ އެހީއާއެކު އެވެ.
ރަސޫލެއް ކަމަށް ދައުވާ ކުރާ މީހަކު ރާއްޖެ އައިސްގެން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާގެ ހަރަކާތްތަކަށް ފާރަވެރިވާ ބަޔަކު ސަން އަށް ކިޔަދިން ގޮތުގައި އެ މީހާ ރާއްޖެ އައިސްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި އޭނާ ދިރިއުޅެމުން ދަނީ ވެރިރަށް މާލޭގެ މަޝްހޫރު ގެ އެއްގައި ކަމަށާއި އޭނާ އަށް ވާގިވެރިވެ އެހީތެރިވަނީ މާލޭގެ އާއިލާއަކުން ކަމަށް އެ މީހުން ބުނެ އެވެ.
ރަސޫލެއް ކަމަށް ދައުވާ ކުރާ މީހާގެ ހަރަކާތްތަކަށް ފާރަވެރިވާ ބަޔަކު ބުނީ އޭނާ ދިރިއުޅޭ ގޭގައި ޖަމާއަތް ހަދައިގެން ނަމާދުކޮށް ހަދާ ކަމަށާއި، މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދު ވެސް ކޮށްފައި ވަނީ ބޮޑު ޖަމާއަތެއް ހަދައިގެން ކަމަށެވެ.