އައިއެސް ޖަމާއަތުން ހިފާފައިވާ ސީރިއާގެ ރައްގާ އަށް ރަޝިއާއިން ދިން ވައިގެ ހަމަލާއެއްގައި ސީރިއާގެ 42 މީހުން މަރުވެއްޖެއެވެ.

އައިއެސްގެ މެމްބަރުންނަށް އަމާޒުކޮށް ދިން އެ ހަމަލާގެ ސަބަބުން މަރުވި މީހުންގެ ތެރެއިން އައިއެސް އަށް ނިސްބަތްވާ ކަމަށް ބެލެވެނީ އެންމެ 15 މީހުންނެވެ. ބާކީ 27 މީހުންނަކީ ސީރިއާގެ އާންމުންނެވެ.

ސީރިޔާ ހަނގުރާމަ މޮނީޓަރު ކުރަމުންދާ އެހެން ޖަމާއަތެއް ކަމަށްވާ ސީރިއަން ނެޓްވޯކް ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ރަޝިއާގެ ވައިގެ ހަމަލާތަކުގެ ސަބަބުން 254 މީހުން ވަނީ މަރުވެފަ އެވެ.

ސީރިއާގެ މިހާރުގެ ރައީސް ބައްޝާރު އަސަދުގެ ސަރުކާރާއެކު އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރަން ރަޝިއާ އިން ފެށީ މިއަރުގެ ސެޕްޓެމްބަރު މަހުގައި އެވެ.

މިދިޔަ މަހުގެ 31 ގައި 224 މީހުންނާއެކު ދަތުރުކުރި ރަޝިއާގެ މަތިންދާ ބޯޓެއް ވަނީ މިސްރުގެ ސައިނާ އަށް ވެއްޓިފަ އެވެ. އެ ހާދިސާގައި ބޯޓުގައި ތިބި އެންމެން ވަނީ މަރުވެފަ އެވެ. ބޯޓު ވެއްޓިފައި ވަނީ އައިއެސްއިން ބޯޓުގައި ބޭއްވި ބޮމެއްގެ ސަބަބުން ކަމަށް ބެލެވެ އެވެ.

ރަޝިއާ ހަމަލާތައް ދޭން ފެށި ފަހުން ސީރިއާގެ 120،000 ސީރިއާ މީހުން ވަނީ އެމީހުންގެ ގެތަކުން ބޭރުކޮށްލާފަ އެވެ. އަދި ސީރިއާގެ ހަނގުރާމަ ފެށުނު ފަހުން 250،000 މީހުން ވަނީ މަރުވެފަ އެވެ. އަދި 11 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތިފަ އެވެ.

މައުލޫމާތު: ސްކައި ނިއުސް