07 Nov 2015, 16:02
ރާއްޖެއިން ސްރީލަންކާގެ ސުނައިޕަރު ޝޫޓަރަކު ހައްޔަރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އުޅޭތީ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އުމުރުން 27 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ކަމަށެވެ.
އެމީހާ ރާއްޖެ ގެނެސްފައި ވަނީ ދިވެހީންގެ ބަޔަކު ފައިސާދީގެން އޭނަ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަން ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"މިމައްސަލާގައި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ޝްރީލަންކާގެ އެ މީހާ ރާއްޖެ ގެނެސްފައިވަނީ އެމީހާއަށް ދިވެހިންގެ ބަޔަކު ފައިސާދީގެންކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އެމީހާއި ޙަވާލުކޮށްފައި ވަނީ ހަތިޔާރު ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލުމުގެ މަސައްކަތްކަންވެސް ތަހުގީގަށް ވަނީ އެނގިފައެވެ،" މޯލްޑިވްސް ޕޮލިސް ސާވިސްގެ ބަޔާނުގައި ވެއެވެ.
އޭނައަށް ފައިސާދިނީ ދިވެހީންގެ ކޮންބައެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ދައުލަތުގެ އިސްވެރިން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލީ މައްސަލައާ ގުޅިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ބައެއް މީހުން ހޯދަން ފުލުހުންނާއި ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
އެ މައްސަލަ ތަހުގީގަށް ގިނަ ތަންތަނެއް ބަލައިފާސްކުރަމުން ދަނިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ހިބަޅިދޫ ކައިރީ ކަނޑުން، ފުލުހުންނާއި ސިފައިން ވަނީ ހަނގުރާމަވެރި ހަތިޔާރުތަކެއް ހޯދައިފަ އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހެއްގެ މޮބައިލް ފޯނުން ވަނީ ހަތިޔާރުތަކެއްގެ ފޮޓޯ ފެނިފައެވެ.