އެމެރިކާގެ މާކްސްވިލްގައި އަންގާރަ ދުވަހު ޖެރެމީ މާޑިސް ނަމަކަށް ކިޔާ ހަ އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލުމާއި އަދި އެ ކުއްޖާގެ ބައްޕަޔަށް އަނިޔާ ކުރުމުގެ ތުހުމަތުގައި އެ ގައުމުގެ ދެ ފުލުހަކު ހައްޔަރު ކޮށްފި އެވެ.

ލުއިޒިއާނާ ސްޓޭޓު ފުލުހެއްކަމަށްވާ ކާނަލް މައިކް އެޑްމަންސަން ހުކުރު ދުވަހު ވިވާޅުވިގޮތުގައި ހައްޔަރު ކޮށްފައިވާ ދެ ފުލުހުންނަކީ ނޮރިސް ގްރީންހައުސް ޖޫނިއާ އާއި ޑެރިކް ސްޓެފާޑް އެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި އާއި މީހަކު މަރާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ.

އެ މައްސަލައިގެ ތަހުގީގުތައް ކުރިއަށް ދާތީވެ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލު އެޑްމަންސަން ދީފައެއް ނުވެ އެވެ.

"އަހަންނަށް ހަމައެކަނި ބުނެވޭނީ އެއީ އަހަންނަށް އެންމެ ބަލަން އުނދަގޫވި [ސީސީޓީވީ ފުޓެޖް] ކަމަށް؛" ހާދިސާގެ ސީސީޓީވީ ފުޓެޖްއާ ބެހޭ ގޮތުން އޭނާ ވިދާޅުވިއެވެ.

މައުލޫމާތު: އަލްޖަޒީރާ