ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްނަގައިގެން މާލޭ އުތުރު ފަރާތު ފަރު، ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދުގެ މޫދު ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

އެ ކުންފުނިން ބުނީ ފަރު ސާފުކުރުމުގެ ޕްރޮގްރާމަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

އެސްޓީއޯ އިން ބުނީ އެ ހަރަކާތް ކުރިއަށް ގެންދިޔައީ ހަތަރު އެންޖީއޯ އަކާ ގުޅިގެން ކަމަށެވެ. އެއީ ސޭވް ދަ ބީޗް އާއި ޑައިވް ކްލަބް މޯލްޑިވްސް އާއި ނައިޓް ސްޓާ ޑައިވިން އަދި ޑެމޭޖް ކޮންޓްރޯލް އެވެ. އޭގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

މޫދު ސާފުކުރުމުގެ އެ ހަރަކާތުގައި މޫދުގެ 200 ފޫޓުގެ ސަރަހައްދެއް ސާފުކޮށްފައި ވަނީ 25 މީޓަރު އަޑިއަށް ޑައިވަރުން ފީނައިގެން ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ޑައިވަރުންގެ އިތުރުން ސްނޯކްލް ކުރުމަށާއި އެއްގަމުގައި ކުނިބުނި ބައިބަޔަށް އެޅުމަށް ވޮލަންޓިއަރުން ހަރަކާތްތެރިވަމުން ދިޔަ ކަމަށާއި އެ ސަރަހައްދުން ގިނަ އަދަދެއްގެ ކަންވާރު، ޕްލާސްޓިކް އަދި ދަގަނޑުގެ ބާވަތްތައް ނަގާފައިވާ ކަމަށާއި، ނެގި ކުނީގެ ބަރުދަނުގައި 312 ކިލޯ ހުރިކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ އަހަރު ވެސް މާލޭގެ ފަޅުތެރެ ސާފުކުރުމުގެ ހަރަކާތްތަކެއް ހިންގާފަ އެވެ.